April 6, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ފަގީރު ސޭޓް ގޭހުގެ އަގު ބޮޑު ކުރަން ނިންމައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 6, 2026, 06:49 PM
މާލެ ސިޓީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ހަކަތައިން ވިއްކާ ގޭހުގެ އަގު ބޮޑުކުރުމަށް ނިންމައި، އާންމު ރައްޔިތުންގެ ޖީބަށް ބުރަވާނެ ފަދަ ނިންމުމެއް ނިންމައިފިއެވެ.

Advertisement

ވިލާ ހަކަތައިން ވަނީ އެ ކުންފުންޏަށް މުދާ ސަޕްލައިކުރާ ހުރިހާ ފަރާތްތަކުން ދިވެހި ރުފިޔާއިން ފައިސާ ބަލައިގަތުން ހުއްޓާލައި، "ވަގުތުން" އަމަލުކުރަން ފަށާގޮތަށް ހަމައެކަނި ޑޮލަރުން ފައިސާ ދެއްކުމަށް އަންގާފައެވެ.

އަދި ވިލާ ގޭސް އިން ދަނީ 9 އޭޕްރީލް 2026 އިން ފެށިގެން ގޭހުގެ އަގު 200  އިން 350 ރުފިޔާއަށް ބޮޑު ކުރަމުން ނިންމާފައެވެ.

މި ނިންމުމާއެކު، ވިލާ ގޭހުގެ އަގު ބޮޑުވެގެންދާނެއެވެ. ގައުމުގައި ޑޮލަރުގެ ދަތިކަން އިންތިހާއަށް އޮތް ދަނޑިވަޅެއްގައި، އަމިއްލަ ވިޔަފާރީގެ ފައިދާއަށްޓަކައި ގާސިމް އިބްރާހީމް މިފަދަ ފިޔަވަޅެއް އެޅުއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ފާހަގަކުރެވިފައިވާ ގޮތުގައި، ގާސިމް އިބްރާހީމަކީ އަމިއްލަ ވިޔަފާރީގެ ބޭނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެރިކަމަށް އައުމަށްފަހު، ސަރުކާރަށް އެންމެ ބޮޑަށް ސަނާކިޔައި ތައުރީފުކުރަމުންދާ އެކެކެވެ. ނަމަވެސް، ސިޔާސީ ގޮތުން ސަރުކާރާ ގާތްގުޅުމެއް ބާއްވަން މަސައްކަތް ކުރެއްވި ނަމަވެސް، ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކުގައި ގާސިމްގެ އަމިއްލަ ރަށް، މާމިގިލީގެ އަގުލަބިއްޔަތުވެސް ވަނީ އޭނާއަށް ގެއްލިފައެވެ. ޒަމާނުއްސުރެ ޖުމްހޫރީ ޕާޓީގެ ކޮންޓްރޯލް އޮތް އެ ދާއިރާގެ މެޖޯރިޓީ މިފަހަރު ނެގީ ސަރުކާރު ހިންގާ ޕީއެންސީންނެވެ.

އާންމު ރައްޔިތުން ބުނަމުންދަނީ، ސިޔާސީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ނުފޫޒު ގަދަ ގާސިމް އިބްރާހީމް، ޑޮލަރުގެ މައްސަލަ ބަހަނާއަކަށް ދައްކައި، ރައްޔިތުން ބޭނުންކުރާ އަސާސީ ޚިދުމަތްތަކުގެ އަގު ބޮޑުކުރަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މި ނިންމުމުގެ ސަބަބުން ކުދި ވިޔަފާރިތަކަށާއި އާންމު އާއިލާތަކަށް އުފުލަންޖެހޭ މާލީ ބުރަ އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ. މިއީ ސަރުކާރާއި ގުޅިގެން އިންތިޚާބު ނިމުމާއި ެކު ކުރަން ނިންމާފައިވާ ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved