April 8, 2026
Advertisement
މިއޮތީ އަހަރުމެން ބުނިތަނަށް އޮޑި ދުވެފައި، ދެންވެސް އިބްރަތް ހާސިލްކުރޭ!
މިއޮތީ އަހަރުމެން ބުނިތަނަށް އޮޑި ދުވެފައި، ދެންވެސް އިބްރަތް ހާސިލްކުރޭ! / ތޭރަގްރެފިކްސް

މިއޮތީ އަހަރުމެން ބުނިތަނަށް އޮޑި ދުވެފައި، ދެންވެސް އިބްރަތް ހާސިލްކުރޭ!

Apr 7, 2026, 07:24 PM

ގައުމުގެ އެކި ކަންކަމުގައި ކަން ހިނގާނެ ގޮތް އަންދާާޒާކޮށް ލަފާކުރުމަކީ ތަޖުރިބާކާރުން ކުރިންވެސް ކޮށް އުޅޭ ކަމެކެވެ.

Advertisement

ހަމައެހެންމެ ކަންކަން ހިނގާނެ ކަމަށް އެ ތަޖުރިބާކާރުން ލަފާދޭ ގޮތާ މެދު ވިސްނާ ފިކުރުކުރުމަކީ އެކަމަކުން މަންފާ އާ ލާބަ ލިބޭ މީހުންވެސް ކުރުން އެންމެ ބުއްދުވެރިކަމެވެ.

މި ދައްކަން އުޅޭ ވާހަކައަކީ ކޮބައިކަމާ މެދު މިހާރު ތިޔައިގެ ތެރެއިން ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދިފައިވާނެކަން ޔަގީނެވެ. މި ދައްކަން އުޅޭ ވާހަކައަކީ، ގައުމުގައި ހިނގަމުންދާ ކަންކަމުގެ ވާހަކައެވެ.

ސަރުކާރުތަކުގެ ދައުރު ބަދަލުވަމުންދާއިރު ބަހާ ވަޒީފާތަކާ އުކާ ހަދިޔާތަކުގެ ވާހަކައެވެ. ފަހުން އޭގެ ނަތީޖާ ހިތިވެ ހިތާމަކުރަން ޖެހޭ ވާހަކައެވެ.

އެގޮތުން 2023 ވަނަ އަހަރު ވެރިކަން ފުރޮޅި މ. ދިމްޔާތު މުހައްމަދު މުއިއްޒު ވެރިކަމުގެ ތަޚުތުގައި ރެދަނލި ކުރަން ފެށުމާ އެކު ކުރިން އޮތް ވެރިކަމަށް ވުރެ ހާސްބައި ގޯސްކަމުގެ އިހުސާސު ކުރެވި ގިނަ ރައްޔިތުން އެވާހަކަ ދައްކަން ފެށިއެވެ. ސަރުކާރުގެ ތެރޭގައި ތިބި ބަޔަކުވެސް އެވެރިކަމާ ހިތްހަމަ ނުޖެހުނަސް ވަޒީގފާގެ ދިލައިގައި ޖެހިގެން ތިބުމުން ބަހެއް ނުބުނެ ތިއްބަސް ކެރޭ މީހުން ދިޔައި އެވާހަކަ ފާޅުގައި ދައްކަމުންނެވެ.

ތާއިދާ ތަރުހީބު ހޯދުމަށް، ރައީސް މުއިއްޒުގެ ސަރުކާރުން ސުމާރެއް ބެލުމެއް ނެތި ވަޒީފާތައް އުކަމުން ދިޔައީ ދޫނިތަކަށް ކުދިބަތް އުކާހެންނެވެ. ކޮތަރުތަކަށް ހަނޑު އުކާހެންނެވެ. އިންތިހާބުތަކާ ދިމާކޮށް އަދި ވަކިން މިކަން ފާލުން ނެއްޓިއެވެ.

މަޖިލިސް މެމްބަރުން މެޑަލް ޖަހަން، ލަޔަގާތްތެރިކަން ނެތް މީހުންނަށް، ތިމާއަށް ވުރެ ބޮޑު ކޯޓެއް ފަހާދީ، ވަޒީފާ ބަހަމުން ދިޔައި މަސްއައިނަކަށް އެން އުކާހެންނެވެ. އެއަށް ފަހު ކޮންމެ އިވެންޓަކަށް އެ ސިޔާސީން ނެރެގެން އެއީ ތިމާމަމެންނަށް ތަރުހީބު އޮތް މިންވަރު ކަން ދެއްކުމަށްޓަކައި ޓީވީ ޗެނަލްތައް ގަނެ މަންޒަރު ދައްކަމުން ދިޔައީ އައު ކުކުޅަކަށް ގައު ބިހެއް އެޅިގެން އުޅޭ ހެންނެވެ.

އެދުވަހު އެ މަންޒަރު ބަލަން ތިބި ގައުމުގެ ސިޔާސީ އިސް މުފައްކިރުން ބުނަމުން ދިޔައެވެ. ތިޔައީ ހަމަ ސައިބޯނި ބޮކިތަކެވެ. ބޮޑު އިންތިހާބެއް ބާއްވާ ދުވަހަކުން ތިޔަ ބުނާ ބޮޑު މަންޒަރަށް އެޅިގެންދާނެ ބޮޑު ހިޔަނި ފެންނާނެއެވެ. އެ މަންޒަރު ވަރަށް ސާފުކޮށް ފެނިގެން ހިނގައްޖެއެވެ.

ހަމައެހެންމެ އަމިއްލަ ނަފްސުގެ ތެދުވެރިކަމަށް ވުރެ ވަޒީފާގެ ދަހިވެތިކަން އިސްކުރި މީހުންނަށް ވެސް މުފައްކިރުން ބުނަމުން ދިޔައީ އިންތިހާބެއް ބާއްވާ ނަތީޖާ ގޯސްވެއްޖެ ނަމަ ވަޒީފަތައް އަތުން ބީވެ ނިކަމެތިވާނެކަމެވެ.

ގައުމުގައި ތިން އިންތިހާބެއް އެއް ދުވަހެއްގައި ބޭއްވި ނަތީޖާ ސަރުކާރުން ބޭނުން ނުވާ ގޮތަށް ނުކުތުމާ އެކު އެއްކަލަ ސިޔާސީ މުފައްކިރުން ބުނި ފަދައިން ކަންތައް އެމަގުން ހިންގަން ފެށި މަންޒަރު ލަސްތަކެއް ނުވެ ވަނީ ފެންނަން ފަށާފައެވެ

ސިޔާސީ ބޭނުންމަށް ބެހި ވަޒީފާތަކުން ނިކަމެތި ރައްޔިތުން ކަނޑަން ފަށައިފިއެވެ. އަތޮޅު ތެރޭގައި މީގެ ކުރިން އަމިއްލަ މަސައްކަތުން ނަފާ ހޯދި މީހުންނަށްވެސް ވަޒީފާދިނުމަށް ފަހު ބިކަކޮށްލަނީއެވެ. އެމީހުންގެ އާއިލާތައް ހާލުގައި ޖެހޭނެކަމީ ޔަގީން ކަމެވެ.

ސަރުކާރުން މި ފަހަރު މިދައްކަނީ ނުލަފާ ކަން ތޯ ނުވަތަ ނޫންތޯ ގޮތް ނިންމާނީ ބަލަން ތިބި މީހުންނެވެ. އަހަރުމެން އޭރުވެސް ބުނި ތަނަށް މިއޮތީ އޮޑި ދުވެފައެވެ. ދެން ވެސް އިބްރަތް ހާސިލްކުރާށެވެ. ސަރުކާރުވެސް އަދި ރައްޔިތުންވެސް މެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved