
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކާއެކު، އިގްތިސާދީ ގޮތުން ދުރާލާ ފިޔަވަޅު އެޅުމަކީ ޒިންމާދާރު ކޮންމެ ސަރުކާރަކުން ކުރަންޖެހޭނެ ކަމެކެވެ. ދުނިޔޭގެ އެހެން ގައުމުތަކުން ހަނގުރާމައިގެ ކުރީކޮޅު ހަރަދުތައް ކުޑަކޮށް، ރައްޔިތުންނަށް އަތްފޯރާ ފަށުގައި ހިދުމަތްތައް ބެހެއްޓުމަށް ގާނޫނީ އަދި އިދާރީ އޮނިގަނޑުތައް ވަރުގަދަކުރި އިރު، ދިވެހި ސަރުކާރު ފެނުނީ ހަގީގަތާ ފެޔަށް ޖެހިފައި އޮތް ތަނެވެ. ގައުމުގެ މާލީ ހާލަތު އިންތިހާއަށް ގޯސްވަމުން ދިޔައިރުވެސް، ސަރުކާރުން އިސްކަންދިނީ ހަގީގީ މައްސަލަތަކަށް ހައްލު ހޯދުމުގެ ބަދަލުގައި، ސިޔާސީ މަގާމުތައް އިތުރުކުރުމަށާއި ކައުންސިލް އިންތިޚާބާ ދިމާކޮށް ބޮޑެތި އިސްރާފުތައް ކުރުމަށެވެ. މިއީ ދައުލަތް ހިންގުމުގެ އެއްވެސް ތަސައްވުރެއް ނެތްކަމުގެ ސާފު ހެއްކެކެވެ.
އޭޕްރިލް 4 ގައި ބޭއްވުނު ކައުންސިލް އިންތިޚާބުގެ ވޯޓު ފޮށިތައް ބަންދުކޮށް، ނަތީޖާ އިއުލާންކުރި ތަނާހެން ސަރުކާރުގެ "ހަގީގީ ކުލަ" މިވަނީ ފެންނަން ފަށާފައެވެ. އިންތިޚާބުގެ ނުފޫޒު ފޯރުވުމަށްޓަކައި ހިފަހައްޓާފައި ހުރި ހުރިހާ ދަތިތަކެއް މިވަނީ އެއްފަހަރާ ރައްޔިތުންގެ ބޯމައްޗަށް އޮއްސާލާފައެވެ. މިފްކޯ، އެމްޕީއެލް އަދި ޕީޖީ އޮފީސް ފަދަ މުހިންމު މުއައްސަސާތަކުން ކުއްލިއަކަށް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން ފެށުމަކީ، ރޭވުންތެރިކަމެއް ނެތި ކުރާ ކަމެއްކަން ހާމަވެއެވެ. އިންތިޚާބުގެ ކުރިން މި ފިޔަވަޅުތައް ނޭޅީ ހަމައެކަނި ވޯޓަށް އޮތް ބިރަކަށްޓަކައެވެ. މިއީ ދައުލަތް ހިންގުމުގެ އިލްމާއި ހިލްމު ހުރި ވެރިއެއްގެ ފަރާތުން ފެންނާނެ ސިފައެއް ނޫނެވެ.
ރައީސް މުއިއްޒުގެ ސަރުކާރަށް ދައުލަތް ހިންގުމުގެ ގާބިލުކަން ނެތްކަން އެންމެ ބޮޑަށް ހާމަވަނީ، ކަންކަން ދިމާވުމުގެ ކުރިން ރޭވުންތެރިކަމެއް ނެތުމާއި، ހަމައެކަނި ސިޔާސީ މަންފާއަށްޓަކައި އިގްތިސާދީ ނިންމުންތައް ނިންމާތީއެވެ. ދައުލަތުގެ ބަޖެޓުން ހިންގާ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރަން މި ޖެހުނީ، އެތަންތަނަށް ސިޔާސީ ގޮތުން ނުކަތާ ވަރަށް މީހުން އައްޔަންކޮށް، އިސްރާފު ބޮޑުކުރުމަށްފަހުގައެވެ. ރައްޔިތުންގެ ޖީބަށް ބާރުބޮޑުވާ ގޮތަށް ކުއްލި ފިޔަވަޅުތައް އެޅުމަކީ ވެރިކަން ކުރަން އެނގޭ މީހުންގެ އުސޫލެއް ނޫނެވެ. މިއަދު ފެންނަމުންދާ މަންޒަރަކީ، ދައުލަތުގެ މާލިއްޔަތު މެނޭޖުކުރުމުގެ އެއްވެސް ތަޖުރިބާއެއް ނެތްކަމާއި، ގައުމުގެ ހުންގާނު އޮތީ ބީވެފައިވާ ކަމެވެ. ރައްޔިތުންނަށް އޮޅުވާލައިގެން ވެރިކަން ހޯދުމަށްފަހު، މިއަދު ގައުމު މިވަނީ ނާމާން އިގްތިސާދީ އަނދަވަޅަކަށް ވައްޓާލާފައެވެ.









