
އިސްރާއީލުން މިދިޔަ ބުދަ ދުވަހު ލުބުނާންގެ ވެރިރަށް ބެއިރޫތަށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން ޒަހަމްވެފައިވާ މީހުންނާއެކު، އެ ސިޓީގެ ހޮސްޕިޓަލްތައް ފުރިއްޖެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، އެންމެ 10 މިނެޓު ތެރޭގައި ދިން މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 300 އަށް ވުރެ ގިނައެވެ. އަދި އެ ހަމަލާތަކުގައި އެކަނި ޒަހަމްވި މީހުންގެ އަދަދު ވަނީ 1،150 އަށް އަރައިފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ވަރަށް ގިނަ ބަޔަކު ގެއްލިފައިވާ އިރު، އެމީހުން ތިބުން ގާތީ އިމާރާތްތަކުގެ ދަށުގައެވެ.
ލުބުނާނުގެ ވެރިރަށަށް ބޮންތައް އަޅަމުން ދިޔައިރު، އެތައް ސަތޭކަ މީހުން އެމެރިކަން ޔުނިވާސިޓީ އޮފް ބެއިރޫތު (އޭޔޫބީ) ހޮސްޕިޓަލަށް ދިއުމަށް އަވަސްވެގަތެވެ. އޭގެ ތެރެއިން ގިނަ މީހުން ރޮމުން ދިޔައިރު، އެހެން މީހުން ތިބީ ބިރުންނެވެ. ކުޑަކުދިން، އެކުދިންގެ އެއްބަނޑުއެއްބަފާ ކުދިންނާއި މައިންބަފައިން ހޯދަމުން ދިޔައީ، އެމީހުން ދިރިތިބިތޯ ނުވަތަ މަރުވެފައިތޯ ޔަގީންނުވާ ހާލުގައެވެ.
އެމެރިކާ އާއި އީރާނާ ދެމެދު ގާއިމުކުރި އެއްބަސްވުމުގައި ލުބުނާން ހިމެނޭ ކަމަށް ހީވި ނަމަވެސް އިސްރާއީލްގެ ފައުޖުތަކުން ވަނީ ބުދަ ދުވަހު 10 މިނެޓުގެ ތެރޭގައި ބެއިރޫތުގެ އެކި ހިސާބުތަކުގައިވާ 100 އަށް ވުރެ ގިނަ ތަންތަނަށް ބޮން އަޅައި ބެއިރޫތު "ގުޑުވާލާފައި" އެވެ.



