
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހިންގާ ސަރުކާރުގެ ޓެކްސީ ލައިންގެ ޓެކްސީތަކުގައި ބޭނުންކުރަން ހޯދާ ޓެބްލެޓުތައް ހޯދުމުގައި ބޮޑު ވައްކަމަކަށް މަގުފަހިވާ ގޮތަށް ކަންކުރަމުން އަންނަ ކަމުގެ އަޑުތައް ފެތުރިއްޖެއެވެ.
މަލްޓިމީޑިއާ ސްކްރީންތައް ހަރުކުރެވިފައިވާ އުޅަނދުތަކަކަށް މާލޭ ޓެކްސީ ލައިންގެ ޓެކްސީތައް ވީ ނަމަވެސް ސަރުކަރުން ވަނީ އިތުރު ފަންކްޝަންތައް ބޭނުންވާ ކަމަށް ބުނެ 300 ޓެބްލެޓް ގަތުމަށް ނިންމާފައިކަމަށް ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، 300 ޓެބްލެޓްގެ ތެރެއިން 150 ޓެބްލެޓު ޑެލިވަރީކޮށް ބާކީ ހުރި 150 ޓެބްލެޓަށް ވާނެ ގޮތެއް އަދި ސާފުވެފައިނުވާއިރު މިފަދަ މުއާމަލާތްތަކުގައި ދެ ފުށް ފެންނަ ސިޔާސަތުތައް ސަރުކާރުން ތަންފީޒު ނުކުރުމަކީ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ސަބަބެކެވެ. އެގޮތުން މި މަޝްރޫއު ވެސް ސަރުކާރުގެ ބައެއް ސިޔާސީ މީހުންގެ އާއިލީ މަސްލަހަތު އޮންނަ ބަޔަކަށް ދިންކަމުގެ އަޑުތައް ފެތުރިފައިވެއެވެ.
އެމްޓީސީސީގެ ޓެކްސީ ހިދުމަތަކީ ފެށުނީއްސުރެ ކޮރަޕްޝަނުގެ ތުހުމަތުތަކުން ކުރަމުން އަންނަ ހިދުމަތެކެވެ. މީގެ ކުރިން މަސައްކަތް ނުކުރާ ޓެކްސީ އެޕެއް ހެދުމަށް "ފިކްސްޑް މޯލްޑިވްސް" އަށް 13 މިލިއަން ރުފިޔާ ދީފައިވާ މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ގިނަ ކަންކަން ކުރަމުން އަންނަކަމުގެ ވާހަކައަކީ މިހާރު އާންމު ކަމެކެވެ.









