April 9, 2026
Advertisement
.
. / މާލެ ސިޓީ ކައުންސިލް

ޕާކުކުރާނެ ޖާގައެއް ނެތް، މަގުތައް ބާރުބޮޑުވެއްޖެ: ސަރުކާރުގެ އާ ޓެކްސީތަކާއެކު ރައްޔިތުންނަށް ދުއްތުރާ!

Yana Shareef
ޔާނާ ޝަރީފް
Apr 8, 2026, 11:22 AM

މާލޭގެ ތޮއްޖެހިފައިވާ މަގުތަކުގެ މައްސަލައަކީ މިއަދު އިއްޔެއަކު ދިމާވެގެން އުޅޭ މައްސަލައެއް ނޫނެވެ. ނަމަވެސް، މި މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ބަދަލުގައި، ސަރުކާރުން މިވަނީ ރައްޔިތުންގެ ތަކުލީފުތައް އިތުރުވާނެ ފަދަ ނިންމުމެއް ނިންމާފައެވެ. އެމްޓީސީސީ މެދުވެރިކޮށް ސަރުކާރުން ރަސްމީކޮށް ޓެކްސީގެ ހިދުމަތަށް އަތްބާނައި، އަމިއްލަ މަސައްކަތުން ދިރިއުޅުން ބިނާކުރަމުންދާ އެތައް ހާސް ޑްރައިވަރުންގެ ބަތްތަށީގައި ކޮޅުފައިން މިވަނީ ޖަހާފައެވެ.

Advertisement

މިހާރުވެސް އަމިއްލަ ޓެކްސީ ސެންޓަރުތަކުން ފުޅާދާއިރާއެއްގައި ހިދުމަތް ދެމުންދާއިރު، ދައުލަތުގެ ބޮޑު ކުންފުންޏަކުން މި ދާއިރާއަށް ވަނުމަކީ މިނިވަން ވިޔަފާރީގެ އުސޫލުތަކާ ކަނޑައެޅިގެން ހިލާފު ކަމެކެވެ. ސޯޝަލް މީޑިއާގައި މިހާރުވެސް ފެންމަތިވަމުންދާ ޝަކުވާތަކަށް ބަލާއިރު، މި ޓެކްސީތަކުގެ އަގުތައް އާންމު ޓެކްސީތަކަށްވުރެ ބޮޑުވުމަކީ، މިއީ ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމަށްވުރެ ބޮޑަށް، ސަރުކާރުން ވިޔަފާރި އުސޫލުން ފައިދާ ހޯދަން ކުރާ ކަމެއްކަން ވަރަށް ސާފުކޮށް ހާމަވެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައީސް މުއިއްޒު އެންމެ ބޮޑަށް ވެވަޑައިގަތް އެއް ވައުދަކީ މާލޭގެ ޕާކިންގް މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ، ޕާކުކުރާނެ ޖާގަ އިތުރުކޮށްދިނުމެވެ. ނަމަވެސް، ވެރިކަމަށް އަހަރަކަށްވުރެ ގިނަ ދުވަސްވެގެން ދިޔައިރުވެސް މިއަދު ފެންނަނީ އެ މަންޒަރެއް ނޫނެވެ. ޕާކުކުރާނެ ރަނގަޅު އިންތިޒާމެއް ގާއިމުކުރުމުގެ ބަދަލުގައި، އެމްޓީސީސީގެ ޓެކްސީތައް މަގުތަކަށް ނެރުމަކީ "އަސްލު މައްސަލަ" އޮޅުވާލައި، ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމެވެ.

މާލޭގެ މަގުތަކަކީ މިހާރުވެސް ހިނގާބިނގާވެ އުޅުމަށާއި ދުއްވާ އެއްޗިއްސަށް ނުކަތާވަރަށް ބާރުބޮޑުވެފައިވާ ތަނެކެވެ. މިފަދަ ހާލަތެއްގައި، ޖާގަ ނެތް މަގުތަކަށް އިތުރު އުޅަނދުތައް ނެރުމަކީ ރައްޔިތުންނަށް ލިބޭ ތަކުލީފު އެތައް ގުނައަކަށް އިތުރުވެ، ދަތުރުފަތުރުގެ ނިޒާމު އިތުރަށް ބުރޫއަރާނެ ކަމެކެވެ. ސަރުކާރުގެ މި އަމަލަކީ އާންމު ރައްޔިތުންގެ ޖީބަށް ބާރުބޮޑުކޮށް، އަމިއްލަ މަސައްކަތްތެރިންގެ ފުރުސަތުތައް ހަނިކުރުމުގެ އިތުރުން، މާލޭގެ ތޮއްޖެހުމަށް އިތުރު ބޮޅެއް އިތުރުކުރުން ފިޔަވައި އެހެން ކަމެއް ނޫނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved