
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކާއި ދިމާކޮށް ކަޑަ ޖަހަން، ސަރުކާރުން އަވަސް އަރުވާލައިގެން ފެށި ޓެކްސީގެ ޚިދުމަތަކީ ކަނޑައެޅިގެން ގަވާއިދާ ޚިލާފަށް ކުރިއަށްގެންދާ ކަމެއްކަން ހާމަވެއްޖެއެވެ. އެމްޓީސީސީން މި ޚިދުމަތް ފަށާފައިވަނީ ޓެކްސީ ގަވާއިދުގައި ބުނާ ފަދަ ދިއްލޭ ޓެކްސީ ބޯޑެއްވެސް ނެތި ކަމަށްވާއިރު، މިއީ އާންމު ދަތުރުފަތުރުގެ ގަވާއިދުތަކާ މުޅިން ޚިލާފު ކަމެކެވެ.
އަދި މި ޓެކްސީ ލައިންގެ ޚިދުމަތް ފަށާފައިވަނީ އަމިއްލަ ކުންފުންޏަކުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި ނަމެއްގައި ކަމަށްވާތީ، އެކަމުގެ ކަންބޮޑުވުންތައްވެސް ވަނީ ފެންމަތިވެފައެވެ.
މި ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދިޔަ އިރު، އަމިއްލަ ކުންފުންޏެއްގެ ވިޔަފާރި ނަމެއް ބޭނުންކުރާކަން ފާހަގަވެގެން އެކަން ސަމާލުކަމަށް ގެނައުމަށް އެ ކުންފުނިން ވަނީ އެމްޓީސީސީއަށް ސިޓީއެއްވެސް ފޮނުވާފައެވެ. މިދިޔަ މާރިޗު މަހުގެ 28 ވަނަ ދުވަހު ފޮނުވި މި ސިޓީގައި، ވިޔަފާރި ނަމުގެ ގަވާއިދުތަކާ އެއްގޮތަށް އެ ނަން އެމްޓީސީސީން ބޭނުންކުރުމަށް އިއުތިރާޒުކުރާ ކަމަށް ބަޔާންކޮށްފައިވެއެވެ.
އެމްޓީސީސީން "މާލެ ޓެކްސީ ލައިން" ގެ ނަމުގައި ޚިދުމަތް ދޭން ފެށި ނަމަވެސް، އެ ޓެކްސީތަކުގައި ބޭނުންކޮށްފައިވާ ނަމަކީ "މާލެ ޓެކްސީ" އެވެ. މި ނަމަކީ 9 މާރިޗު 2015 ގައި "ޓަވިޔަނި ޕްރައިވެޓް ލިމިޓެޑް" ގެ ނަމުގައި އުފައްދާފައިވާ ކުންފުންޏަކަށް އިކޮނޮމިކް މިނިސްޓްރީން ރަޖިސްޓްރީކޮށްދީފައިވާ ވިޔަފާރި ނަމެކެވެ.
މިހާރުވެސް ބިޒްނަސް ޕޯޓަލްއިން ފެންނަން އޮތް ގޮތުގައި، "މާލެ ޓެކްސީ" އަކީ ޓަވިޔަނި ޕްރައިވެޓް ލިމިޓެޑްގެ މިލްކެކެވެ. އެމްޓީސީސީން ޚިދުމަތް ފަށާފައިވަނީ މި ވިޔަފާރި ނަމުގެ މައްސަލައިގައި ކަމާބެހޭ ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސިޓީ ފޮނުވާފައި ވަނިކޮށްވެސް އެ ނަން ބަދަލުކުރުމެއް ނެތިއެވެ.
ޓެކްސީ ގަވާއިދުގެ ދަށުން ދިއްލޭބޯޑު ހަރުކޮށްގެން ނޫނީ މިހާރު ޓެކްސީ ނުދުއްވޭނެއިރު އިންތިހާބަށް އަވަސް އަރުވާލައިގެން ޓެކްސީތައް މިނެރުނީ ގަވާއިދާ ޚިލާފަށެވެ.
އާންމުންގެ ފާޑުކިއުންތައް މިކަމަށް އަމާޒުވެފައިވާއިރު، ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި މިއީ ކުރިއަށް އޮތް އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި "ކަޑަ ޖެހުމުގެ" ގޮތުން، އެއްވެސް ތަރުތީބެއް ނެތި އަވަސްއަރުވާލައިގެން ފަށާފައިވާ ޚިދުމަތެކެވެ.










