ސިވިލް ކޯޓު / މިހާރު
ހަބަރު
ގްރޭޑް ރިޕީޓްކުރުމުގައި ތަފާތުކުރުން ގެންގުޅޭތީ ސިވިލް ކޯޓުގައި މައްސަލައެއް!
Hussain Nawaf
ހުސައިން ނަވާފް
25 ޖެނުއަރީ 2025

ސްކޫލަށް ކުދިން ވައްދާ އުމުރުފުރާ ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ސާކިއުލާއަކާއި ގުޅިގެން ގްރޭޑް ރިޕީޓްކުރުމުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ ބެލެނިވެރިޔަކު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

ދިރާސީ އާ އަހަރު ފެށުން މީލާދީ އަހަރުގެ ކުރީކޮޅަށް ބަދަލުކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެންނާއި ދިރާސީ އަހަރު ތެރޭ ދަރިވަރުގެ އުމުރުފުރާ ބެލުމުގައި ގެންގުޅޭ ކަޓްއޮފް ޑޭޓަށްވެސް ބަދަލު އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ސާކިއުލާގެ ދަށުން ގެނެސް، މި ބަދަލުގެ ކުރިން ސްކޫލުތަކަށް ވައްދާފައިވާ ކުދިންގެ ތެރެއިން ބައެއް ދަރިވަރުންގެ ގްރޭޑުވަނީ ރިޕީޓުކޮށްފައިވެއެވެ.

މި ސާކިއުލާ އަކީ ދަރިވަރުން އަލަށް ސްކޫލަށް ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމުގައި 2024 ވަނަ އަހަރުގެ ދިރާސީ އަހަރު އަމަލު ކުރާނެ ގޮތުގެ ސާކިއުލަރ އެވެ. މި ސާކިއުލާގެ ދަށުން އެއްވެސް ކުއްޖަކު ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެއް ގޮރޭޑުން އަނެއް ގްރޭޑަށް ބަދަލުކުރުދެވޭނެއެވެ.

އެލްކޭޖީ އަށް ދަރިވަރުން ވެއްދުމުގައި 4 އަހަރު ފުރިހަމަ ވެފައިތޯ ބަލާތީ، އެ ދިރާސީ އަހަރަކަށް ދަރިވަރުން ވެއްދުމަށް އުމުރު ހަމަކުރުމަށް ކަނޑައަޅާފައިވާ އެންމެފަހު ދުވަހަށް 4 އަހަރު ފުރިހަމަވުމުންނެވެ.

ދިރާސީ އަހަރު ފެށޭ ފަހުން 4 އަހަރުވެފައިވާ ދަރިވަރުން، ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެލް.ކޭ.ޖީ އަކަށް ނުވައްދާނެއެވެ.

އެލް.ކޭ.ޖީއަށް ވަދެވޭނީ، ނިމުނު އަހަރުގެ ޑިސެންބަރު 31 އަށް އުމުރުން 4 އަހަރު ގުރިފައިވާ ކުދިންނަށް ކަމުގައި ކަނޑައަޅާފައިވީ ނަމަވެސް ހިނގާ އަހަރުގެ 31 މާރިޗުގެ ނިޔަލަށް 4 އަހަރު ފުރޭ ކުދިންނަށް އެލްކޭޖީއަށް ވަނުމުގެ ފުރުސަތު ބެލެނިވެރިޔާ އެދިއްޖެ ނަމަ އެ ކުއްޖަކަށް ދެވިދާނެއެވެ. ކުރިން އުމުރު ހަމަވާންޖެހޭ ތާރީހަކީ 31 ޖުލައިއެވެ.

މިނިސްޓްރީއިން އަމަލު ކުރަމުންދާ އާންމު އުސޫލާ އެއްގޮތްވާގޮތުގެ މަތިން އެއްވެސް ދަރިވަރަކު އެ ދަރިވަރަކު ހުރި ގުރޭޑްގައި ރީޕީޓް ނުކުރާނެއެވެ. ނަމަވެސް، ހާއްސަ ހާލަތެއް ނުވަތަ މަޤުބޫލު އުޒުރެއް އޮތުމުން މިހާރު ކިޔަވަމުންދާ ގުރޭޑްގައި ރިޕީޓްކުރުމަށް ބެލެނިވެރިޔާ އެދިއްޖެ ހާލަތެއްގައި އެކަން ސްކޫލް މެދުވެރިކޮށް މިނިސްޓްރީއަށް ހުށަހެޅިދާނެއެވެ. އަދި ރިޕީޓް ކުރެވޭނީ ހުށަހެޅިފައިވާ ލިޔުންތަކަށް ރިއާޔަތްކޮށް މިނިސްޓްރީއީން ލިޔުމުން ހުއްދަދިނުމުން ކަމުގައިވެސް އެ ސާކިއުލާގައިވެއެވެ.

https://www.moe.gov.mv/storage/files/resources/22_E.CIR.2024.06_Admission_Circular_for_2024.pdf

ނަމަވެސް އެ ސާކިއުލާއަށް އަމަލުކޮށްފައިވަނީ ސުކޫލުތަކުގައި މިހާރުވެސް ކިޔަވަމުންދާ ކުދިންވެސް ހިމަނައިގެންކަންވެސްވަނީ ފާހަގަކުރެވިފައެވެ.

އޭގެ ސަބަބުން މާލޭގެ ސްކޫލުތަކަށް ރަނގަޅަށް ވައްދާފަ ތިބި ކުދިންނަކީ އަންޑަ އޭޖް ކުދިންކަމަށް ބުނެ ވަނީ ރިޕީޓް ކުރަން އަންގާފައެވެ. އެހެންނަމަވެސް އަތޮޅު ތެރޭގެ ސްކޫލުތަކަށް ނިސްބަތްވާ ކުދިންވަނީ ޕްރޮމޯޓުކޮށްފައިކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން ރަށްރަށާއި މާލޭގައި ހިނގަނީ ތަފާތު އުސޫލެއްކަންވެސްވަނީ ހާމަވެފައެވެ.

މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފައިވަނީ މިދިޔަ އޯގަސްޓް މަހު ކެންގަރޫ ކިޑްސްގައި ކިޔަވަމުންދާ ދަރިވަރެއްގެ ބެލެނިވެރިއެކެވެ.

އެގޮތުން މި މައްސަލަ ހުށަހަޅައިފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސާކިއުލާ މިހާރު ކިޔަވަމުންދާ ދަރިވަރުންގެ މައްޗަށް ނުހިނގާނެކަމާއި ދަރިވަރު ރިޕީޓްކުރަން ޖެހޭ ކަމަށް ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކޯޓުން ކަނޑައަޅައިދިނުމަށާއި ނާސަރީއަށް ޕްރޮމޯޝަން ދިނުމަށް ފަހުވެސް ކިންޑަގާޓެން ގްރޭޑުތަކަށް ވެސް އޮޓޮމެޓިކުން ކޮންމެ އަހަރަކަށް ފަހު ޕްރޮމޯޝަން ދިނުމަށް ކޯޓުން އަމުރުކޮށްދިނުމަށް އެދިއެވެ.

ކޯޓުގައި ދައުލަތުން ކޮވިޑް-19ގެ މުއްދަތުގައި މެނުވީ އެއްވެސް ދަރިވަރަކު ސަރިކިއުލަރގައި ބަޔާންކުރާ އުމުރު ހަމަނުވާނަމަ އެއް ގްރޭޑުން އަނެއް ގްރޭޑަށް ބަދަލުކޮށްދީފައި ނުވާނެ ކަމަށް ބުނެފަވެއެވެ. ނަމަވެސް ކެންގަރޫ ކިޑްސް އާއި އެޑިއުކޭޝަނުން އެ މައުލޫމާތު ސިވިލް ކޯޓަށް ދިނުމަށް އަމުރެއް ނެރުމާއި އެކު 2024 ވަނަ އަހަރު ހަމައެކަނި ކެންގަރޫ ކިޑްސްއަށް ވެސް، ސަރކިއުލަރގައި ބަޔާންކުރާ އުމުރަށްވުރެން ހަގުކޮށް ނާސަރީން ޖޭކޭޖީއަށް 29 ކުއްޖަކު ޕްރޮމޯޓްކޮށްދީފައިވާކަންވަނީ ހާމަވެފައެވެ. ކުޑަކުއްޖެގެ މަސްލަހަތު ހިމެނޭ މިދަފަ މައްސަލައެއްގައި ދައުލަތުން ޝަރީޢަތަ ދޮގު މައުލޫމާތު ދީފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved