

ސަންފްރޮންޓް ކުންފުންޏަށް ބަދަލުގެ ގޮތުގައި 20 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުން2010 ވަނަ އަހަރު، 11 ބިމެއް ވިއްކުމަށް ސަރުކާރުން ބީލަމެއް ހުޅުވާ އެބީލަމުގައި، 2،000 އަކަފޫޓުގެ ދެ ބިމަށް ސަންފްރޮންޓުން ބީލަން ހުށަހަޅައި، އެ ދެ ބިން އެ ކުންފުންޏަށް ކާމިޔާބުވިއެވެ. ކުންފުނިން ދައުލަތަށް 26 މިލިއަން ރުފިޔާ މި ދެ ބިމަށް ދެއްކި ނަމަވެސް، ހައިކޯޓުން ނެރުނު އަމުރަކާ ގުޅިގެން ބިޑް ހުއްޓުވައި، ބިންތައް ކުންފުންޏާ ހަވާލުކޮށްފައެއް ނުވެއެވެ.
މި މައްސަލައިގައި ސަންފްރޮންޓުން ސިވިލް ކޯޓުގައި ދަޢުވާ ކުރުމުން، ބިމަށް ދެއްކި 26 މިލިއަން ރުފިޔާ އަނބުރާ ދިނުމަށް ކުރިން ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް މި ފައިސާ ދައުލަތުން ދައްކާފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައި ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި ކުންފުންޏަށް ލިބުނު ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި 20 މިލިއަން ރުފިޔާ ހޯދުމަށް ކުންފުނިން އިތުރު ދަޢުވާއެއް ކުރިއެވެ.
ސިވިލް ކޯޓުން ކުރި ހުކުމުގައި ބަޔާންކޮށްފައިވަނީ، ސަންފްރޮންޓަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 20 މިލިއަން ރުފިޔާ ހައްގުވާކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށެވެ. އަދި މި ފައިސާ 30 ދުވަހުގެ ތެރޭގައި ކޯޓަށް ދެއްކުމަށް ދައުލަތަށް އަމުރުކޮށްފައިވެއެވެ.