

ސީލައިފް ގްލޯބިންއާ އެކު ހުޅުމާލޭގައި 3،000 އެޕާޓްމަންޓް ޔުނިޓް އިމާރާތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުން އެޗްޑީސީން ބާތިލުކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ހުޅުމާލޭގައި 3،000 އެޕާޓްމެންޓް ޔުނިޓް ހެދުމަށް ސީލައިފާއެކު އެއްބަސްވުން ހެދީ މާރިޗް 13، 2014ގައެވެ. ނަމަވެސް ސީލައިފްއިން އެއްބަސްވުމާ ޚިލާފުވެ، ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނެގި ނަމަވެސް އެ މަސައްކަތް ކުރިއަށް ގެންގޮސްފައިނުވެއެވެ.
އެ މައްސަލައިގައި، އެޗްޑީސީން ސީލައިފާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކުރީ ޑިސެމްބަރު 24، 2018ގައެވެ.
އެޗްޑީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ މައްސަލައިގައި ސިވިލް ކޯޓުގެ ހުކުމްގައި ކަނޑައެޅީ އެއްބަސްވުން ބާތިލުކުރުމުގައި ގޯހެއް ނެތް ކަމަށް ކަމަށެވެ. އަދި ސީލައިފްއަށް އެއްވެސް ބަދަލެއް ދޭން ނުޖެހޭ ކަމަށް ވެސް ހުކުމްގައި ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
ސީލައިފް ޕްރޮޖެކްޓުގެ އިތުރުން، ހުޅުމާލޭގައި ކުރިއަށް ގެންދާ މިފަދަ އެކިއެކި މަޝްރޫއުތަކުގެ އެއްބަސްވުމާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދުގައި މި ކޯޕަރޭޝަނުން އަޅަން ޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެކަމުގައި މި ފުރުސަތުގައި ފާހަގަކުރަމެވެ،
އެޗްޑީސީން މިއަދު ވަނީ ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭގައި ތަރައްގީ ކުރަން ފެށި 'ދަ ގާޑެންސް' ފްލްޓްތަކުގެ މަސައްކަތް ނިންމަން އެކި ފަހަރު މަތިން ނޯޓިސް ދިނުމަށް ފަހު، މަސައްކަަތް ނިންމާފައި ނުވާތީ، އެ އެއްބަސްވުން ވެސް ބާތިލުކޮށްފަ އެވެ. އަދި އެކަން ޖާހުއަށް އަންގައި، އެތަން އަތުލަން ވެސް އެޗްޑީސީން ނިންމާފައިވެ އެވެ.
ސީލައިފްގެ ޚިޔާނާތުގެ މައްސަލައިގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ)ގެ މައްޗަށް 42 ދައުވާއެއް ވަނީ އުފުލައިފަ އެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅޭނެ ކަމަށް ޕީޖީން ވަނީ ބުނެފަ އެވެ.