
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތްކުރުމަށް ގެންނަން ބޭނުންވާ ބަދަލުތަކަށް ތަން ދިނުމަށް ވަޒީރުންގެ މަޖިލީހުގެ ބޮޑުބައެއް އިސްތިއުފާދިން ކަމަށް ރައީސް އޮފީހުން ހާމަކުރީ 14 އެޕްރިލް 2026 ގައެވެ.
7 ވަޒީރަކު އިސްތިއުފާދީ 3 ވަޒީރަކު މަގާމުން ވަކިކޮށްފައިވާއިރު، ސިޔާސީ މުހައްލިލުން ބުނާ ގޮތުގައި މިއީ އެޕްރިލު 4 ވަނަ ދުވަހު ބޭއްވި އިންތިހާބުތަކުގެ ނަތީޖާއާ ގުޅިގެން އައި ބަދަލުތަކެކެވެ. އެގޮތުން ގިނަ ވަޒީރުންނާނާ ހަވާލުކުރި މަސައްކަތް ކާމިޔާބުނުވި ކަމަށް ވިދާޅުވެ ރައީސް މުއިއްޒު އިންތިހާބުގެ ބަލި އެޅުވީ ވަޒީރުންގެ ބޮލުގައި ކަމަށް އިންތިހާބުގެ ދެތިން ދުވަސް ފަހުން ރަށު ތެރޭގައި ކިޔައި އުޅެން ފެށިއެވެ.
ނަމަވެސް އިންތިހާބުން ސަރުކާރު ބަލިވީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ރައީސް މުއިއްޒުގެ ދޯހަލި ސިޔާސަތުތަކުގެ ސަބަބުންނެވެ. އަރިހުގައި މަސައްކަތްކުރާ މީހުންގެ ބަސް ގަބޫލުކުރުމެއް ނެތި ގޮތްދޫނުކުރުމުގެ ނަތީޖާއެކެވެ.
ކަންމިހެން ހުރިއިރު، ރައީސް މުއިއްޒުގެ ކެބިނެޓުން 10 ބޭފުޅަކު މަގާމާ ފެއަށް ޖެހިފައިވާވުން ހަނދާނަށް ގެންނަނީ މީގެ 15 އަހަރު ކުރިއެވެ. ތިޔައިގެ ތެރެއިން މިކަން ހަނދާން ހުންނާނީ ކިތައް ބޭފުޅުން ކަމެއް ނޭނގެއެވެ.
ނަމަވެސް 2010 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ މުޅި ކެބިނެޓު އިސްތިއުފާދިނެވެ. ގައުމުގައި އޭރު ދިޔައި ރައްޔިތުންގެ ނުުރހުން އެ ސަރުކާރަށް ނުހަނު ބޮޑަށް އަމާޒުވަމުންނެވެ. ދައުރުގެ މެދު ތެރެއެވެ. ގައުމުގެ މަގުމަތީގައި މުޒާހަރާ ކުރަމުން ދިޔައެވެ.
އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ސަރުކާރު ވެއްޓުނީއެވެ.
މިހާރަށް ބަލާއިރުވެސް އެއްގޮތް ކަންކަން އެބަ ހުއްޓެވެ. ގައުމުގެ ހާލަތު ދާދި އެއްގޮތެވެ. ރައްޔިތުންގެ ނުރުހުން ސަރުކާރާ މެދު އިންތިހާއެވެ. މަގުތައް މަތީގައި މުޒާހަރާތައް ދަނީ ފުޅާވަމުންނެވެ. ކެބިނެެެޓުވެސް އިސްތިއުފާދީ ގަސް ގަހުން ފައިބަނީއެވެ.
މިއީ އިއްތިފާގަކަށް ވެސް ވެދާނެއެވެ. އެހެން ވިޔަސް މިކަންކަން ހިނގަމުންދާއިރު ދެ ސަރުކާރުގެ އުމުރުވެސް ދާދި އެއް ވަރެވެ. އަނެއްކާ މިހާރު މުހައްމަދު މުއިއްޒުގެ ސަރުކާރުން މިފެންނަނީ މުހައްމަދު ނަޝީދުގެ ސަރުކާރުން ފެނިގެން ދިޔަ ފަދަ މިޑް ޓާމް ސުނާމީއެއް ބާއެވެ.
ސަރުކާރު ފޫވެއްޓި މުލުން ލުހެނީބާއެވެ؟ ހުސްގޮނޑިއެއްގެ ހިޔަލުގައި ސިޔާސީ ގޮތުން އެރި މުއިއްޒުގެ ސިޔާސީ ތަރި ޖައްވުން ފޭދެނީބާއެވެ؟ މުއިއްޒުގެ ސިޔާސީ ތަރި އޮއްސި ނައިބު މަގާމާ ހަވާލުވާން ޖެހެނީބާއެވެ؟
މިއިން ކޮންމެ ސުވާލަކަށް މިއަދު ވަކި ވަކިން ޖަވާބު ހޯދަން ޝައުގުވެރިކަން އެބަ ހުއްޓެވެ. ދެން ވާނެ ގޮތަކާ މެދު އެހެންކަމުން މިހުރީ ނުހަނު ޝައުގުވެރިކަމާ އެކު ބަލަންށެވެ. ގިނަ ބަޔަކު ބުނަނީ އަސްލު އިސްތިއުފާ ދޭން ޖެހެނީ މުއިއްޒު ކަމަށެވެ.










