
ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.
ނަޝީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިގާލީ ސަރުކާރެއް އެކުލަވާލަން ޖެހެނީ ބޭނުންޖެހިފައިވާ އެކި އިސްލާހުތައް ގެނައުމުގެ އިތުރުން މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ކަމަށެވެ.
ނަޝީދު ވިދާޅުވީ ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ކެބިނެޓަށް ގެއްލިފައިވާ ކަމަށެވެ. އަދި މުއިއްޒުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ވެސް ގެއްލިފައިވާ ކަމަށެެވެ.
މީގެއިތުރުން މި ދަނޑިވަޅުގައި ހަނގުރާމައިގެ ނޭދެވޭ އަސަރު ވެސް ރާއްޖޭގެ އިގްތިސޯދަށް ކުރަމުންދާކަން ނަޝީދު ފާހަގަކުރެއްވި އެވެ.
ނަޝީދު މިހެން ވިދާޅުވީ ސަރުކާރުގެ ޖުމްލަ 10 މިނިސްޓަރުން މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މިނިސްޓަރުން މަގާމުން އިސްތިއުފާ ދެއްވީ އިސްލާހަށް ފުރުސަތު ދެއްވުމަށް ކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް މައުލޫމާތު ލިބުނުގޮތުގައި އިސްތިއުފާ ދެއްވީ ސަރުކާރުގެ އެތެރޭ ހަމަނުޖެހުން ހިންގައިގެންނެވެ.









