
ވެރިކަމަކީ ފާޑެއްގެ އެއްޗެއްތާއެވެ؟ ތިމާއަށް ވެރިކަން ހޯދައިދޭން އެންމެ ބޮޑަށް ގުރުބާންވީ މީހުން ބާކީކޮށް އެމީހުންނަކީ ޣައްދާރުންގެ ގޮތުގައާ ކޮރަޕްޓު ވަގުންގެ ގޮތުގައި ވެސް ސިފަކޮށްލަން ފަސްނުޖެހެނީ އެހެންވެތާއެވެ؟
ރައީސް އަބްދުﷲ ޔާމީނަށް ރައީސް އިބްރާހިމު މުހައްމަދު ސޯލިހު ސަރުކާރުން ނުހައްގު ހުކުމެއް އިއްވާ އެމަނިކުފާނު ޖަލުގެ ތޭރިތަކުގެ ފަހަތުގައި ހުރަ ގޭގައި 1000 އެތައް ދުވަހެއް ބޭންދިއެވެ. ހައްގުން ކަމަކާ ނުލައެވެ. ކުށުން ބަރީއަވެ މައުސޫމް މީހެއްކަން ސާބިތުވެފައިވާ މައްސަލައެއްގައި ދެވަނަ ފަހަރު ހުކުމެއްގައި ބަނދެލައިގެންނެވެ.
އެކަމުގެ ތެރެއިން އޭރުގެ ޕީޕިއެމް/ޕީއެންސީގެ ވެރިން ވެސް އެވާހަކަތައް ބާރަށް ދައްކާ އުޅުނެވެ. މިއަދު އެހނަދާން ނެތުނު ކަމުގައިވިޔަސްމެއެވެ. އެއާއެކު ރައީސް ޔާމީންގެ ކެންޑިޑޭންސީވެސް އެތެރެ އެތެރެއިން ކުޅެގެން ފަނޑިޔާރުގެއިން އިސްތިއުނާފު ހިފަހައްޓުވައިގެން ގެއްލުވާލީވެސް އެވެރިންގެ މަކަރުވެރި ރޭވުމުގެ ތެރެއިންނޭ ރަށު ތެރޭގައި ކިޔާ އުޅެއެވެ.
ރައީސް ޔާމިންގެ ކެންޑިިޑެންސީ ގެއްލިދާނެތީ ރައްކަލަކަށް އެމަނިކުފާނުގެ މޭސްތިރިކަމުގައި އުފެއްދެވި ދެވަނަ ޕާޓީ، ޕީއެންސީއިން ކެންޑިޑޭޓަކު ނެރުމަށް ދިން ޚިޔާލާއެކު އެ ކަމަށް ފައިކުރި އޮޅާ ނުކުތް މީހުންގެ ތެރޭގައި އަދުގެ ރައިސުލްޖުމްހޫރިއްޔާވެސް ހިމެނެއެވެ. ވެރިކަމުގެ ދަހިވެތިކަމުގައި، ޕީޕީއެމް ދޫކޮށް ޕީއެންސީއަށް ސޮއިކޮށް ފައިސާ ބަހައިގެން ސެނެޓު ތެރެއިން ޓިކެޓު ހޯދައިގެން ހިންގި ޖަރީމާއަށް ފަހު، ރައީސް ޔާމީން އިންތިހާބު ބޮއިކޮޓު ކުރަން ދެއްވި ލަފަޔާ އިރުޝާދުގައި ކޮޅުގފައިން ޖަހާ މުއިއްޒުއާ އައުވާނުން ނުކުތީ މޭ ފުޅާކޮށްގެންނެވެ.
އެއާއެކު ގައުމުގެ މަސްލަހަތު އެ ވަގުތަކަށް އިސްކޮށް، ގައުމީ ވަތަނީ ލީޑަރު ރައީސް ޔާމީން ޖަލުގައި ހުންނަވާ މުއިއްޒު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެންޑޯޒުކުރެއްވިއެވެ.
މިއަދު އެހުރި ތަޚުތަށް މުއިއްޒަށް ވާސިލްވުމުގެ އެންމެ ބޮޑު ހަގީގަތަކީ ރައީސް ޔާމީން އެންޑޯޒުކުރެއްވި ކުރެއްވުމެވެ. އެއާއެކު ރައީސް ޔާމީންގެ ސަޕޯޓަރުންގެ ވޯޓުން ދެވަނަ ބުރަށް މުއިއްޒަށް އިންތިހާބުގައި ދަތުރުކުރެވުނެވެ. ނަމަވެސް ދެ ވަނަ ބުރުން ކާމިޔާބު ހޯދޭނެކަމުގެ އުއްމިދު ނުހަނު ކުޑަވުމުން، ރައީސް ޔާމީންގެ ފަރާތްޕުޅު އެމަނިކުފާނުގެ އަނބިކަބަލުން ފާތިމަތު އިބްރާހިމު މެދުވެރިކޮށް ޑިމޮކްރެޓްސްގެ އޭރުގެ ރައީސް، މުހައްމަދު ނަޝީދަށް ރައީސް ޔާމީން މެސެޖެއް ޕާސްކުރެއްވިއެވެ. ދެ ވަނަ ބުރުގައި ސިއްރިއްޔާތުގައި ނަމަވެސް މުއިއްޒަށް ތާއީދުކޮށް ޑިމޮކްރެޓްސްގެ ވޯޓުތައް ހޯދުމަށެވެ.
އެކަން ނޭނގޭ އެއްވެސް ވެރިއަކު މިއަދު ޕީއެންސީގެ މަތިފަޑީގައި ނުހުންނާނެއެވެ. ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްއަކީ ވެސް އެކަމުގެ ހެއްކެކެވެ. ރައީސް ޔާމީންގެ އެ އެދިލެއްވުން ރައީސް ނަޝީދު ގަބޫލުކުރައްވާ 2023ގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މުއިއްޒަށް ކާމިޔާބުކޮށް ދިނުމަށް މަސައްކަތްކުރެއްވިއެވެ. މިކަން ގްރާސް ރޫޓާ ހަމައަށް ތިލަނުވެ އޮތް ނަމަވެސް މިއީ އޭރު ޕީޕީއެމް/ޕީއެންސީގެ ހުރިހާ ވެރިންނަށްވެސް އެނގޭ ބޮޑު ސިއްރެކެވެ.
ރައީސް ޔާމީންގެ އެދިވަޑައިގަތުމަށް ރައީސް ނަޝީދު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މުއިއްޒަށް ބައިއަތު ހިފުމުގެ ނަތީޖާއަކަށްވީ އެމްޑީޕީއިން ކުރިން ރަން ރީނދޫ ކުލައިން ފަވާލަފައި އޮތް އެތައް ސިޓީއެއް، ރަށެއްގެ ރައްޔިތުންގެ ވޯޓު މުއިއްޒަށް ލިބުމެވެ. މިއީ ބަޔަކު މިއަދު ދޮގު ކުރިޔަސް އެދުވަހުގެ ހަގީގަތެވެ.
ރައީސް ނަޝީދު މަޖިލިސް ރައީސް ކަމުގައި އިންނެވި ފަހު ދެ ޖަލްސާއިން ކުރެ އެއް ޖަލްސާގައި ޚުދު އެމަނިކުފާނު ވާނީ މި ސަރުކާރަކީ އެމަނިކުފާނުގެ ބައިވެރިވުންވެސް އޮތް ސަރުކާރެއްކަން އިއުލާންވެސް ކުރައްވާފައެވެ.
ކަން މިހެން ހުރިއިރު، ރައީސް މުއިއްޒު ވެރިކަމަށް އައިސް ގައުމުގައި ގާނޫނުއަސާސީއާ ޚިލާފު އެތައް ކަމެއް ކޮށް، ނޫސްވެރިން ޖަލަށްލާ، ގައުމުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅަމުންދާތީ، ކުރިގެ ތިން ރައީސުން އެކުގައި މަސައްކަތް ކުރަން ނިންމުމުން، ސަރުކާރުން ފަންޑު ކުރާ ނޫހަކުން ކިރުބޯ ޅަ ކުއްޖަކު ފޮނުވައިގެން ރައީސް ޔާމީންގެ އަބުރު ކަތިލަން ދިމާކޮށް ފޮނުތަކެއް އެރުވިއެވެ. އެމަނިކުފާނުގެ އިސްތަށިފުޅުގައި ރިޟްވާންއާ ބްލޮގަރ ޔާމީންގެ މަރުގެ ޒިންމާވެސް އަޅުވަން މަސައްކަތްކުރިއެވެ. އެމަނިކުފާނަކީ ގައުމަށް ޣައްދާރުވެފައިވާ ބޭފުޅެއްގެ ގޮތުގައި ސިފަކުރިއެވެ.
ނަމަވެސް ހަގީގަތަކީ ރައީސް ސޯލިހުގެ ސަރުކާރުން އެކުލަވާލި މަރު ކޮމިޝަނުން ކުރި ތަހުގީގަށް ފަހު އެ ކޮމިޝަނުން ވާނީ ރިޟްވާންއާ ޔާމީންގެ މަރުގެ މައްސަލައިގައި ރައީސް ޔާމިންގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް އިއުލާންކޮށްފައެވެ.
ދެން އޮތް އަނެއް ކަމަކީ ރައީސް ނަޝީދުމެންނާ އެކު ރައީސް ޔާމީން މަސައްކަތްކުރައްވަން ނިންމެވުމާ އެކު ރައީސް ޔާމީން ޣައްދާރަކަށްވެ، ރައީސް ނަޝީދު ލާދީނީ ލާގައމީ ވެގެން އެވާހަކަ ޕީއެންސީގެ ބޮޓުންނާ އެކްޓިވިސްޓުން ދައްކަމުންދާއިރު، މި ވެރިކަމުގެ ފެށުމުގެ މުގުލުގައި އެ ސިފަކުރާ ލާގައުމީ ލާދީނީ ނަޝީދު ހުންނެވިކަމެވެ. ކުރިން ދެންނެވި ފަދައިން ޑިމޮކްރެޓްސްގެ ބައިވެރިވުން އޮތްކަމެވެ. އަލައިކާމެން ފަދަ މީހުންނަކީ އޭގެ ތެރެއިން ފުރޭނިގެން އައިސް މަގާމުތަކުގައި ތބި މީހުންނެވެ. މިއީ ހަގީގަތެވެ.
އެހެންކަމުން މިއަދު ގައުމުގެ ކަންކަން ހަމަ މަގަށް އަޅުވަން ތިން ރައީސުން އެކުގައި މަސައްކަތްކުރަން ފެށުމުން ރައީސް ޔާމީން ޣައްދާރަކަށްވާނަމަ، ވެރިކަމަށް އައުމަށް، ރައީސް ނަޝީދުއާ އެކު ބައިއަތު ހިފާ މުއިއްޒު އެކަން ގަބޫލުކޮށް ގްރާސް ރޫޓަށް އޮޅުވާލާ ޣައްދާރުވީ ކަމަށް ވަކި ނުބެލެވެންވީ ސަބަބަކީ ކޮބައިބާއެވެ؟ ރައީސް ނަޝީދުއާ އެކު ރައީސް ޔާމީން މަސައްކަތް ކުރަން ނިންމުމުން ލާދީ ލާގައުމީވެ ގައުމަށް ގައްދާރުވީ ކަމަށް ވަކި ބަޔަކު ކަނޑައަޅާއިރު، ވެރިކަން ހޯދަން ރައީސް ނަޝީދުއާ ޑިމޮކްރެޓްސް އޯކޭވީއިރު މުއިއްޒު ޣައްދާރަކަށް ނުވޭބާއެވެ؟
ގޮތް ނިންމާނީ ކިޔުންތެރިންނެވެ. މިކޮޅުން މަޑު މަޑުން ކަންކަން ތިލަކޮށްދެނީއެވެ.










