April 15, 2026
Advertisement
ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ބަޔަކު އައްޔަނުކޮށް ރައްޔިތުންގެ ވިންދާ އެއްގޮތަށް ހިދުމަތްދެވޭނެތަ؟
ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ބަޔަކު އައްޔަނުކޮށް ރައްޔިތުންގެ ވިންދާ އެއްގޮތަށް ހިދުމަތްދެވޭނެތަ؟ / ތޭރަގްރެފިކްސް

ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ބަޔަކު އައްޔަނުކޮށް ރައްޔިތުންގެ ވިންދާ އެއްގޮތަށް ހިދުމަތްދެވޭނެތަ؟

Apr 15, 2026, 08:30 PM
ނިއުދިއްލީ ، އިންޑިއާ

14 އެޕްރިލް 2026، ދިވެހިރާއްޖެއަށް އިރު މެދު ޖެހުނީ ސިޔާސީ ޖައްވުން ޖަހާލި ބާރު ގުގުރިއަކާ އެކުއެވެ. އެ ގުގުރިއާ އެކު ވަޒީރުންގެ މަޖިލީހުގެ 10 ވަޒީރަކު ބުރުއްސައިގެން ދިޔައެވެ. ކަން ވާން އުޅެނީ ކިހިނެއް ކަމާ މެދު ސުވާލު އުފެދި ގައުމުގެ ގިނަ ބަޔަކު ތިބީ ވާނުވާގައެވެ.

Advertisement

ދުވަހުގެ އިރު މެދުން ލެބި ހަވީރު ފިނި ޖެހުނުއިރު ފަޒާގެ ތެރޭގައި ގުގުމަން ދިޔައީ އިރާކޮޅު ވަޒީރުންގެ މަޖީލިހަށް ބަދަލުތަކެއް ގެނެސް ސިޔާސީ ޖައްވުނުގައި ވަޒީރުންގެ އައު ތަރިތަކެއް ފިޔަޖަހަން ފަށަނެ ވާހަކައެވެ.

އިރު އޮއްސި މާ ގިނަ އިރު ތަކެއް ނުވެ އައު ވަޒީރުންގެ މަޖިލިސް ހުވާ ކުރިއެވެ. ހައިރާން ކުރުވަނިވި ބަދަލުތަކެއް ވެސް ފެނިގެން ދިޔައެވެ. 20 ވުޒާރާއަކުން 15 ވުޒާރާއަކަށް އަދަދު މަދުކުރި ހަތަރު އައު މުނު ފާޅުވިއެވެ.

ނަމަވެސްމި މޫނުތަކަކީ ވެސް އަދި ކުރިން ތިބި މޫނު ތަކަކީ ވެސް ރައްޔިތުން ބަލައިގަންނަ މޫނުތަކެއް ނޫންކަން ޚުދު ރައީސް މުހައްމަދު މުއިއްޒަށް ވެސް އެނގިވަޑައިގަންނަވާނެއެވެ. އެހެނީ އޭގެ ތެރެއިން ހުރިހާ ބޭފުޅުންނާ މެދު ކަހަލަ ގޮތަކަށް  ރައްޔިތުންގެ ނުރުހުމާ ފާޑުކިޔުން އޮތުމުންނެވެ. މިސާލަކަށް އަލަށް އައްޔަން ކުރި ހަތަރު ވަޒީރުންގެ ތެރޭގައި ހިމެނޭ ތިން ވަޒީރުންނަކި އަންހެނުންނަށްވީއިރު އެ ތިން ކަނބަލުންނަކީ ވެސް އެކަނބަލުންނާ މެދު އިންތިހާއަށް މުޖުތަމައުގައި ނުުރުހުން އޮތް ބައެކެވެ.

ހެލްތު އެންޑް ފެމިލީ ވަޒީރު ގީލާއާ މެދު ރައްޔިތުންގެ އެންމެ ބޮޑުނުުރުހުން އޮތީ ސަފީރަަކަށް ހުންނަވާ ސަމޯއާ އެގްރިމަންޓުގައި ސޮއިކޮށް ދީނީ މިނިވަންކަމަށް އެއްބާރުލުން ދިން ދިނުމާ ގުޅިގެންނެވެ. އިސްލާމްދީނާ ބީރައްތެހި އެތައް ކަމެއް ހިމެނޭ އެ އެގްރިމަންޓުގައި ސޮއިކުރުމަކީ އިސްލާމްދީނަށް ގޮން ޖެހުމުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. ދީނަށް ގޮން ޖަހަން ކަންކަން ފަހުކުރި މީހަކަށް ރައްޔިތުން ކުރާނެ އިތުބާރެއް ވަކި އޮންނާނެތޯއެވެ.

އާޓްސް އެންދް ކަލްޗަރ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ އެންސްޕާގެ ކުރީގެ ސީއީއޯ އަދި ރައީސް އޮފިހުގެ ތަރުޖަމާނު ހީނާ ވަލީދުކަމަށް ވާއިރު އެކަމަނާ އާ މެދު ރައްޔިތުންގެ ހިތްހަމަ ނުޖެހުމާ ރުޅިވެތިކަން އޮތް މިންވަރު މިއީ މުޖުތަމައުން ފާޅުގައި ފެންނަން ހުރި ކަންކަމެވެ. ހީނާގެ މައްޗަށްވެސް ރައްޔިތުންގެ އިތުބާރު ވަނި ބޮޑުތަނުން ގެއްލިފައެވެ.

ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަންކުރި އިރުތިޝާމް އާދަމްއަކި އިލްމީ ގާބިލުކަމާ މެދު ދޮގު ހަދާ ފޭކު ޕީއެޗްޑީއެއް ހޯލްޑްކުރާ ކަމަށް ދައްކަވައިގެން އުޅުއްވާ ބޭފުޅެއްކަން ހާމަވެ އެކަމާ ގުޅިގެން ރައްޔިތުންގެ އިތުބާރު ގެއްލިފައިވެއެވެ.

ދެން ތިބި ވަޒީރުންނަށް ބަލާއިރު ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނަކީ ވެސް ފުލުހުންގެ އިދާރާގެ ފެއިލިޔަރއާއެކު މުޅި ގައުމު އެމަނިކުފާނާަ މެދު ފާޑުކިޔުން އަމާޒުކުރާ ބޭފުޅެކެވެ. ގޮތް ނޭނގޭ މަރުތަކަށް ހައްލެއް ނުލިބި އެތައް އާއިލާއެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ. އިތުބާރު ގެއްލިފައެވެ.

ޓުއަރިޒަމް އެންޑް ސިވިލް އެވިއޭޝަނަށް ކެޕްޓަން މުހައްމަދު އަމީނު އައްޔަންކުރެއްވިއިރު، އެމަނިކުފާނުގެ އާއިލީ މަސްލަހަތު އޮތްކަމެއްގެ ތެރެއިން ދިވެހި އަންހެން ކުއްޖަކަށް ލިބުނު އަނިޔާއާ އެކަމާ ގުޅިގެން އަމީންގެ އާއިލީ ކުއްޖާއާ މެދު ފިޔަވަޅު ނޭޅި ނޭޅުމާ އެކު ދިވެހި އެތައް ރައްޔިތުންނެއްގެ ނުުރުހުން އަމާޒުވެފައިވެއެވެ. ސަރުކާރުގެ ޓެކްސީ ލައިންގެ ފެއިލިޔަރއާ ދަތުރުފަތުރުގެ ނިޒާމުގެ ކަންކަން ވެސް ގައުމުގައި ހަމައަކަށް ނޭޅި އަމީންއަކީ ފެއިލްޑް ވަޒީރެއްގެ ތެގު އެޅުވިފައި ހުރި ބޭފުޅެކެވެ.

އިގްތިސޯދު ހީނަރުވެ ގެނައި ބަންކަރިންވެސް ފެއިލްވެފައިވަނިކޮށް، އަނެއްކާވެސް އިގްތިސޯދާ ޓްރާންސްޕޯޓުވެސް ނުވީތާކަށް ހަވާލުކުރި މުހައްމަދު ސައީދަކީ ވެސް މީހުންގެ އިތުބާރު ބޮޑުތަނުން ގެއްލިފައިވާ މީހެކެވެ.

ސްކޫލުތަކުގެ ކަންކަން ބޮއްސުންލާ އެޑިއުކޭޝަން ދާއިރާ އެއްކޮށް ހަފުސް ކުރުމުން ބެލެނިވެރިންނާ ޓީޗަރުންގެ ވެސް އިތުބާރު ގެއްލިފައިވާ ވަޒީރު އިސްމާއިލް ޝަފީއު އަލުން އެ ވުޒާރާއަށް އައްޔަންކޮސް ނުވީތާކަށް ހަޔަރ އެޑިއުކޭޝަންވެސް ހަވާލުކުރުމަކީ ގޯހެއް ކަމަށް ގިނަ ބަަޔަކު ގަބޫލުރެއެވެ.

ސުކޫކު ދެއްކުމުގެ ގާބިލުކަން އެބަހުރި ކަމަށސް ރެވެނިއުއަށް އިތުރު ބުރަ ޖައްސާ ދަރަނި ދައްކަން އެއަށް ވުރެ ބޮޑު އިންޓަރެސްޓުގައި ލޯނު ނަގައި ގައުމުގެ ފައިނޭންސިން މެނޭޖުކުރަން ނޭނގި ރައްޔިތުންގެ އިތުބާރު ގެއްލިފައި ހުރި މޫސާ ޒަމީރު އަނެއްކާވެސް ފިނޭންސްގެ މަގާމަށް އައްޔަންކުރުމަކީ ވެސް ހަމަ ރައްޔިތުންގެ ވިންދާ އެއްގޮަތަށް އެޅި އިސްލާހީ ފިޔަވަޅެއްބާއެވެ.

އެހެންކަމުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތްކުރުމަށް ގެންނަން ބޭނުންވާ ބަދަލުތަކަށް ތަން ދިނުމަށް ވަޒީރުންގެ މަޖިލީހަށް ބަދަލު ގެނައޭ ވިދާޅުވިއިރު، ރައްޔިތުންގެ އިތުބާރާ އުއްމީދު ވެސް އެބަޔަކާ މެދު ގެއްލިފައި ތިބި ބަޔަކު ގޮވައިގެން އަލުން އައު ނަންތަކެއް ކިޔައި ވުޒާރަތައް އެކުލަވާލިޔަސް ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތްކުރެވިދާނެ ކަމަށް އަހުރެން ގަބޫލުނުކުރަމެވެ.

 ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ބަޔަކު އައްޔަނުކޮށް ރައްޔިތުންގެ ވިންދާ އެއްގޮތަށް ހިދުމަތްދެވޭނީ ވަކި ކިހިނަކުން ހެއްޔެވެ؟ ޖެހޭނީ މުޅި ސަރުކާރު އޯވާހޯލަކަށް ދާންށެވެ. އެނޫން ގޮތަކުން ރައްޔިތުންގެ ވިންދާ އެއްގޮަތަށް ކުރިއަކަށް ނުކަނޑާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved