
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައީސްގެ އޮފީހުގެ ޗީފް ގަވަންމަންޓް ސްޕޯކްސްޕާސަންކަމުގެ މަގާމަށް މިނިސްޓަރުންގެ ފެންވަރުގައި، މ. ކޮތަންމާގެ، މުހައްމަދު ހުސައިން ޝަރީފް، (މުންދު) އައްޔަންކުރައްވައިފިއެވެ.
މީގެ ކުރިން މުހައްމަދު ހުސައިން ޝަރީފް ވަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި ބޭރުގެ އެކިއެކި ގައުމުތަކަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުތައް އެކި ދުވަސްވަރު ފުރުއްވާފައެވެ.
އެމަނިކުފާނު އެންމެ ފަހުން އަދާކުރައްވާފައިވަނީ އެކުވެރި އަރަބި އިމާރާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމެވެ. ޔޫއޭއީ ސަފީރުކަމުގައި ހުންނަވަނިކޮށް މުންދު އެމަގާމުން ވަކިކުރައްވާފައިވަނީ މާފަަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަދި މުންދުގެ މަންމަ އަސްމާ ރަޝީދުގެ އޯޑިއޯއެއް ލީކުވިތަނާއެވެ. އެއީ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ. އަސްމާގެ ފޯނުކޯލެއްގެ އެ އޯޑިއޯގައި އަސްމާ ވަނީ ސަރުކާރާ ދެކޮޅަށް ފާޑުކިޔާފައެވެ.




