April 17, 2026
Advertisement
ފެންނަނީ މުއިއްޒުގެ ލާހޫރޭ ސިޔާސަތު: ޑރ ޖަމީލު
ފެންނަނީ މުއިއްޒުގެ ލާހޫރޭ ސިޔާސަތު: ޑރ ޖަމީލު / ސޯޝަލް މީޑިއާ

ފެންނަނީ މުއިއްޒުގެ ލާހޫރޭ ސިޔާސަތު: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Apr 16, 2026, 01:41 PM

މިހާރު ފެނިގެން ދަނީ ރައީސް މުހައްމަދު މުއިއްޒުގެ ލާހޫރޭ، ތާކުންތާކު ނުޖެހޭ ސިޔާސަތުކަމަށް ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ސަރުކާރުގެ މަގާމުތަކަށް ރައީސް މުއިއްޒު ގެންނަވަމުންދާ ބަދަލުތަކަށް ފާޑުވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ ޖަމީލު ވަނީ، ސަރުކާރުން އުފެއްދި ބޮޑެތި ވުޒާރަތައް އުވާލިއިރު އެނގުނީ ރައީސް މުއިއްޒުގެ ތެދު ނިޔަތެއް ނެތްކަންކަމަށް ވިދާޅުވެފައެވެ.

ލޯކަލް ގަވަރމެންޓު އަދި ބަހާބެހޭ ވުޒާރާއަކީ ވިސްނުމެއް ނެތި އުފެއްދި ތަންތަންކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ ޖެންޑަރ މިނިސްޓްރީ އުވާލި އުވާލުމަށް ވެސް ފާޑުވިދާޅުވެ އެއީ އެންމެ ގިނަ މީހުން ހުންނަން ޖެހޭ ކަމަށް ދެކޭ މިނިސްޓްރިއެއްކަމަށް ވެސް ވިދާޅުވެފައިވެއެވެ.

  

މީގެ އިތުރުން ތަޖުރިބާއެއް ނެތި ތިބި ބައެއް ވަޒީރުން އަދިވެސް މަގާމުތަކުގައި ތިބި ތިބުމަށް އިޝާރާތްކުރައްވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ، ސިވިލް އެވިއޭޝަނާ ޓޫރިޒަމާ ގުޅުމެއް ނެތަސް އެތަނަށް ދިޔަ ވަޒީރު ބޭނުންވި އެއްޗެއް ހިފައިގެން ދިޔައީކަމަށެވެ. އަދި ތައުލީމީ ވުޒާރާގެ ނަންވެސް ރަނގަޅުކޮށް ނުލެވުނުކަމަށް ވިދާޅުވެ ވެސް ޑރ. ޖަމީލު ވަނީ ފާޑުވިދާޅުވެފައެވެ.

ހަމައެހެންމެ ރައީސް އަބްދުﷲ ޔާމީނަށް ލަނޑުދީފައި، ހަރާންކޯރުވެފައި އަދި ރައްޔިތުންނަށް ހުސްގޮނޑި ވިއްކާ ޚިޔާނާތްތެރިވެ ޕީޕީއެމް ފައްތާލި ބޭފުޅުން ވަޒީރުކން ލިބުމުން ބޫލްކޮށްގެން ތިބީ އެބޭފުޅުންގެ ތަރި ދުވަހަކުވެސް ނުއޮއްސޭނެ ކަމަށް ނަމަވެސް، އެބޭފުޅުންވެސް ހުވަފެނުން ހޭލެވުނު ދުވަހަކަށް ވެގެން ދިޔައީ ރައީސް މުއިއްޒު ކެބިނެޓަށް ބޮޑު ބަދަލެއް ކުއްލިއަކަށް ގެންނެވި ދުވަސްކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ ވުޒާރާތަކަށާ ވަޒީރުން ބަދަލު ކުރީ ރައީސް މުއިއްޒު އަމިއްލައަށް ޖެހި ސަކަރާތުން ވޯޓުން ލިބުނު ބޮޑު ނާކާމިޔާބީ ފޮރުވަން އެކަނި ކަމަށާ އެއީ އުދާސްގަނޑު ބޭރު ކޮށްލަން ކުރެއްވި ކަމެއްގެ ގޮތުގައި ވެސް ޑރ ޖަމީލު ސިފަކުރައްވާފައިވެއެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ކުރެއްވި ދިގު ޕޯސްޓު ނިންމަވާލައްވަމުން ޑރ ޖަމީލު ވިދާޅުވެފައިވަނީ، ފެނުނީ ރައީސް މުއިއްޒަކީ ރުޅި ދެއްކިޔަސް ވިޝަނަރީ މީހެއް ނޫންކަން ކަމަށެވެ.

މިހުރިހާ ކަމަކުން ފެނިގެން ދިޔައީ ޕްރެޒިޑެންޝަލް ކޮލިޓީއެއް ކައިރި ކުރާ މިންވަރަށްވެސް ނެތް ފަރާތެއްކަން ކަމަށް ވެސް ޑރ ޖަމީލު ވިދާޅުވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved