
ރައީސް ޑރ މުހައްމަދު މުއިއްޒަށް ސަރުކާރު ހަރުދަނާ ގޮތުގައި ނުހިންގިގެން އުޅެނީ ވެރިކަން ލިބުމުގެ އަސްލުކަމުގައިވާ ޕީޕީއެމްގެ، ރައީސް އަބްދުﷲ ޔާމީންގެ ފިކުރުގެ މީހުން ފެއަށް ޖައްސަމުންދާތީ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވަނީ ޕީއެންއެފުން ބައްވަމުންދާ މަގުމަތީގެ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ބުދަ ދުވަހުގެރޭގެ ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ.
މަލީހު ވިދާޅުވީ، ކެބިނެޓު ބަދަލުކުރުމުައިވެސް ޕީޕީއެމްގެ ފިކުރުގެ ބޭފުޅުންނާ މެދު ކަންކުރީ އިހާނެތި ގޮތަކަށް ކަމަށާ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުރި މުހައްމަދު ގައްސާނު އާ މެދު ކަންކުރި ގޮތް ހަރުކަށި އިބާރާތުން ޕީއެންއެފުން ކުށްވެރިކުރާ ކަމަށް ވެސް މަލީހު ވިދާޅުވެފައިވެއެވެ.
ރައީސް މުއިއްޒު ވެރިކަން ލިބުމުން ރައީސް ޔާމީނާ މެދުވެސް ކަންކުރީ ކުޑައިމީސްކޮށް ކަން މުޅި ގައުމުވެސް ދަންނަކަން ފާހަގަކުރައްވާ މަލީހު ވިދާޅުވީ، ސަރުކާރަށް ޕީޕީއެމް ފިކުރުގެ މީހުން އިސްނުކޮށް ރައީސް މުއިއްޒު މިހާރު ދައްކަމުން ގެންދަވަނީ އެމަނިކުފާނަކީ ވެސް ޚުދު އެ ފިކުރުގެ މުޑުވަކެއް ނޫން ކަން ކަމަށެވެ.
މަލިހު ވިދާޅުވީ ސަރުކާރު ހަރުދަނާ ގޮތުގައި ނުހިނގައިގެން އުޅެނީ ބިނާ ކުރަނިވި ފިކުރުގެ މީހުން އެއްފަރާތްކޮށް ތައުލީމެއް ތަޖުރިބާއެއް ނެތް މީހުން މަގާމުތަކަށް އައްޔަންކުރުން ކަމަށެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒު ދާދި ފަހުން ކެބިނެޓަށް ގެނައި ބަދަލުގެ ތެރޭގައި ރިޔާސީ އިންތިހާބުގައި ޕީޕިއެމް ޕީއެންސީއިން ކުރި ބުރަ މަސައްކަތުގައި ފަތިގަނޑު ހާކާ ނުލާ މީހުންވެސް ތިބި ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔާފައިވެސް ވެއެވެ.










