
އީރާނާއި އެމެރިކާއާ ދެމެދު ފަށާފައިވާ ސުލްޙައިގެ މަޝްވަރާތަކުގައި "ކުރިއެރުންތަކެއް" ހޯދޭނެ ކަމުގެ އުންމީދު ބޮޑުވެފައިވާކަން ޕާކިސްތާނުގެ މަޞްދަރުތަކުން ހާމަކޮށްފިއެވެ.
މި އުންމީދީ މެސެޖު ލިބިފައި މި ވަނީ ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ ޢާޞިމް މުނީރު ހިމެނިވަޑައިގަންނަވާ ވަފުދެއް ތެހްރާނަށް ދަތުރުކޮށް، ވޮޝިންގްޓަނުގެ މެސެޖެއް އީރާންގެ އިސްވާރުންނަށް ރައްދު ކުރުމާ އެކުގައެވެ. ތެހްރާނުން މުނީރަށް މަރުޙަބާ ދަންނަވާފައި ވަނީ އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީއެވެ.
ޕާކިސްތާންގެ މަޞްދަރުތަކުން ބުނީ، ދެ ޤައުމުގެ މެދުގައި މި ވަގުތު ޚިޔާލުތަފާތުވުން އުފެދިފައި އޮތް އެންމެ ބޮޑު މައްސަލައަކީ ތެހްރާނުން ޔުރޭނިޔަމް މުއްސަނދިކުރުން މެދުކަނޑައިލުމަށް އެއްބަސްވާނެ މުއްދަތު ކަމުގައެވެ. އަދި، މި ވަގުތު މަތީ ފެންވަރަކަށް މުއްސަނދިކޮށްފައި ހުރި 440 ކިލޯގެ ޔުރޭނިޔަމާމެދު އަމަލުކުރާނެ ގޮތަކާމެދު ކަމުގައެވެ. މި ވަގުތު އޮތް ޙައްލުތަކަކީ، އެ ތަކެތި ތިންވަނަ ޤައުމަކަށް ބަދަލުކުރުން ނުވަތަ އެ ތަކެތީގެ ބާރު %3 އަށް ދަށްކުރުމެވެ.
މީގެ އިތުރުން، ހުރްމުޒް ކަނޑުއޮޅީގެ ކޮންޓުރޯލު އޮންނާނެ ފަރާތަކާއި، ޔަހޫދީންނާއި އެމެރިކާގެ ހަނގުރާމައިގައި އީރާނަށް ލިބިފައިވާ މާއްދީ ގެއްލުމަށް ބަދަލުނަގައިދިނުމުގެ މައްސަލައާމެދު ވެސް ގޮތެއް ނިންމިފައެއް ނުވެއެވެ.
ޞަހްޔޫނީ ދައުލަތާ ގުޅިގެން ފެބުރުވަރީ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމައިގައި 3,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ އިތުރުން، ލުބްނާންގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް މާރިޗު 2 ވަނަ ދުވަހު ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 2,000 އަށްވުރެ މައްޗަށް އުފުލިފައެވެ.




