April 19, 2026
Advertisement
-
- / އެމްޓީސީސީ

މާލޭ ޓެކްސީ ލައިންގެ ޚިދުމަތަށް ފައިސާ ނަގަން ފަށައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 18, 2026, 11:46 AM
މާލެ ސިޓީ

މާލޭގައި އަލަށް ފެށި ޓެކްސީ ލައިންގެ ޚިދުމަތް ދެ ހަފުތާ ވަންދެން ހިލޭ ދިނުމަށްފަހު، މިއަދުން ފެށިގެން ދަތުރުތަކަށް ފައިސާ ނަގަން ފަށައިފިއެވެ. މި މަހުގެ ދެވަނަ ދުވަހު ސަރުކާރުން ފެށި މި ޚިދުމަތް ފުރަތަމަ ހަފުތާގައި ހިލޭ ކުރަން ނިންމި ނަމަވެސް، ފަހުން ވަނީ އިތުރު އެއް ހަފުތާއަށް އެ މުއްދަތު އިތުރުކޮށްފައެވެ.

Advertisement

މި ޚިދުމަތް ދެމުންގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، މިހާރު ދަތުރުތަކަށް އަގު ނަގަމުންދާނީ އާންމުކޮށް ޓެކްސީތަކުން ވެސް ނަގަމުންދާ ރަސްމީ އަގުތަކުގައި ކަމަށެވެ. ނަމަވެސް، ޚިދުމަތް ފެށީއްސުރެ އާންމުންގެ ފަރާތުން ގިނަ ޝަކުވާތަކެއް މި ޚިދުމަތާ ގުޅޭގޮތުން ދަނީ އުފުލެމުންނެވެ.

ޚިދުމަތަށް އެދި ގުޅަންޖެހޭ ހޮޓްލައިން ނަންބަރު 1655 އަށް ނުގުޅޭ ކަމަށާއި، ފޯނު ނެގުމަށް ވިއްސަކަށް މިނެޓު ކިޔޫގައި މަޑުކުރަން ޖެހޭ ކަމަށް ގިނަ ބަޔަކު ބުނެއެވެ. މީގެ އިތުރުން، ޓެކްސީއެއް ލިބުމަށްޓަކައި ދިގު އިންތިޒާރެއް ކުރަން ޖެހުމަކީ އާންމުންގެ ބޮޑު ކަންބޮޑުވުމެކެވެ. އެމްޓީސީސީން ބުނީ މި ބާރުބޮޑުވުން ދިމާވަނީ ޚިދުމަތް ހިލޭ ދެމުންދިޔުމުން ގިނަ ބަޔަކު އެއްފަހަރާ ގުޅާތީ ކަމަށެވެ.

ޓެކްސީ ލައިނާ އެކު ތައާރަފުކުރި ވެބް އެޕްލިކޭޝަނަށް ވެސް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އެޕްލިކޭޝަންގައި ރަޖިސްޓްރީވާ މީހުންގެ މައުލޫމާތު ލީކުވާ ކަމުގެ ކަންބޮޑުވުންތަކާ އެކު، ޚިދުމަތް ފެށިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އެޕްލިކޭޝަން ވަނީ ބޭނުންކުރުން ހުއްޓާލައިފައެވެ.

ޓެކްސީ ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް 150 ކާރާ އެކު ފެށި މި މަޝްރޫއުން އަދި އެދެވޭ ނަތީޖާއެއް ނުފެންނަ ކަމަށް ބައެއް ރައްޔިތުން ބުނެއެވެ. ޚާއްސަކޮށް ވާރޭވެހޭ ދުވަސްވަރު ޓެކްސީއެއް ހޯދުމުގެ ތަކުލީފަށް އެއްވެސް ލުޔެއް ލިބިފައި ނުވާކަން އާންމުން ފާހަގަކުރެއެވެ. މި ޚިދުމަތުގައި ބޭނުންކުރަނީ މާލޭގެ ހަނި މަގުތަކަށް ޚާއްސަ ކާރުތަކާއި މާލެ-ހުޅުމާލެ ދަތުރުތަކަށް ޚާއްސަ ބޮޑެތި ކާރުތަކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved