
އިދިކޮޅު މުޒާހަރާގެ ބައިވެރިންނަކީ ދީނާ ދުރު ބައެއް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުން، ހަގީގީ ދީނީ ކަންފުޅެއް ނެތީ ރައީސްގެ ކިބައިގައި ކަމަށް ވިދާޅުވެ ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ރައްދު ދެއްވައިފިއެވެ.
ޑރ. ޖަމީލް މިފަދައިން ވިދާޅުވީ، އިދިކޮޅުން ބާއްވަމުންދާ މުޒާހަރާތަކުގައި ބައިވެރިވާ ފަރާތްތަކަކީ ދީނާ ދުރު ބައެއްގެ ގޮތުގައި ރައީސް މުއިއްޒު ސިފަކުރެއްވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޑރ.ޖަމީލްގެ ޕޯސްޓުގައި ރައީސް މުއިއްޒަށް ހަނދާންކޮށްދެއްވީ، ގައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އެމަނިކުފާނުގެ ޒިއްމާ ބޮޑުވާނެ ކަމަށެވެ. އަދި އެހެން މީހުންނަށް ދީނީ ގޮތުން ފާޑުވިދާޅުވާއިރު، ރައީސްގެ އަމަލުފުޅުތަކަށް ބެއްލެވުމަށް ޑރ. ޖަމީލް ގޮވާލެއްވިއެވެ. އެގޮތުން، ފަތިސް ނަމާދު ވީޑިއޯކޮށްގެން ދެއްކުންތެރިކަން އިސްކުރުމާއި، ބިރެއް ނެތި ދޮގުހެދުމާއި، ރައީސް ޔާމީނަށާއި ރައްޔިތުންނަށް ފެށި ވައުދުތަކާ ޚިލާފުވުން ފަދަ ކަންކަން ޑރ.ޖަމީލް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދައުލަތުގެ ތެރޭގައި ރިޝްވަތާއި ކޮރަޕްޝަން އަދި ވައްކަން އާންމުވަމުންދާ ކަމަށް ތުހުމަތު ކުރައްވައި، ރައީސް އޮފީސް ތެރޭގައި ހިނގާފައިވާ ކަމަށް ބުނާ ބައެއް ނޭދެވޭ ކަންކަމަށް އިޝާރާތް ކުރައްވަމުން ޑރ.ޖަމީލް ވިދާޅުވީ، ދީނީ ކަންފުޅެއް ނެތީ ހަގީގަތުގައި ރައީސްގެ ކިބައިގައި ކަމަށެވެ. އަދި ލަދުވެތިކަމަކީ އީމާންކަމުގެ ބައެއްކަން ފާހަގަކުރައްވައި، ރައީސްގެ ކިބައިން އެ ސިފަ ފެންނަމުން ނުދާ ކަމަށް ވެސް ޑރ. ޖަމީލް ވަނީ ތުހުމަތު ކުރައްވާފައެވެ.










