April 21, 2026
Advertisement
.
.

13 މިލިއަންގެ ހިޔާނާތް އޮއްބާލަން ރައީސް މުއިއްޒު ކުރައްވަނީ އެކްޓެއް!

Yana Shareef
ޔާނާ ޝަރީފް
Apr 20, 2026, 07:03 PM

ސަރުކާރުގެ ކޮރަޕްޝަންގެ ވަސް މުޅި ގައުމުގައި ހިފާފައިވާއިރު، 'މާލެ ޓެކްސީ' އެޕްގެ ނަމުގައި ހިންގި 13 މިލިއަން ރުފިޔާގެ ބޮޑު ވައްކަމާ ގުޅޭގޮތުން ރައީސް މުއިއްޒު މިއަދު ދެއްކެވި ވާހަކަފުޅަކީ ދިވެހި ރައްޔިތުންގެ ބުއްދިއަށް ކުރި މަލާމާތެކެވެ. އިންތިހާބާ ދިމާކޮށް، ދައުލަތުގެ ކުންފުނިތަކުން ޕާޓީ ކެމްޕޭނަށް ފައިސާ ނެރުމަކީ މި ސަރުކާރުގެ އާންމު އުސޫލަކަށް ވެފައިވާއިރު، މި މައްސަލާގައި ރައީސް "ނޭނގޭ" ކަމަށް ހެއްދެވުމަކީ ހިޔާނާތްތެރިންނަށް ހިމާޔަތް ދިނުމުގެ އަމަލެކެވެ.

Advertisement

މި މުއާމަލާތަކީ ހަމައެކަނި އިދާރީ އޮޅުމެއް ނޫނެވެ. މިއީ ސީދާ ރޭވުންތެރިކަމާއެކު ހިންގާފައިވާ ޖަރީމާއެކެވެ. އެޕްލިކޭޝަނެއް ހެދުމުގެ އެއްވެސް ތަޖުރިބާއެއް ނެތް، އަދި އެމްޓީސީސީގެ އިސްވެރިޔަކާ އާއިލީ ގުޅުން އޮތް ކުންފުންޏަކަށް 13 މިލިއަން ރުފިޔާ އޮހޮރުވާލީ ކޮން އުސޫލަކުންތޯ ރައްޔިތުން މިއަދު ސުވާލުކުރެއެވެ. ރާއްޖޭގެ ކުޅަދާނަ ޒުވާން ޓެކްނޮލޮޖީ ކުންފުނިތަކަށް ފުރުސަތު ނުދީ، "ދައުވަތު ދިން" ބަޔަކަށް އެކަނި ބިޑް ހުޅުވާލުމަކީ ސަރުކާރުގެ ނާޖާއިޒު ނުފޫޒު އޮތް މިންވަރުގެ ހެއްކެކެވެ. މިއީ ރައްޔިތުންގެ ފައިސާ އަމިއްލަ ޖީބަށް ނުވަތަ ޕާޓީގެ ފަންޑަށް ޖަހާލަން ހިންގި ހާމަކަން ބޮޑު ވައްކަމެކެވެ.

ނަމަވެސް، މި ހުރިހާ ކަމެއް ދެނެވަޑައިގެން ހުންނަވައި، ރައީސް މުއިއްޒު މިއަދު ވިދާޅުވީ އެފަދަ އެއްވެސް މައުލޫމާތެއް "އެމަނިކުފާނާ ހަމައަށް އައިސްފައިނުވާ" ކަމަށެވެ. މިއީ ހަގީގަތާ ހިލާފު، ވާހަކައެކެވެ. ސަރުކާރުގެ ބޮޑު މަޝްރޫއެއްގެ ތެރެއިން 13 މިލިއަން ރުފިޔާ ގެއްލިގެންދާއިރު، ގައުމުގެ ވެރިޔާއަށް އެކަން ނޭނގުމަކީ އެމަނިކުފާނުގެ ނާގާބިލުކަން ނުވަތަ އެ ވައްކަމުގައި ބައިވެރިވުން އޮތް ކަމުގެ ހެއްކެކެވެ. ރައީސް އުޅުއްވަނީ އެޕްގެ "މަސައްކަތް ނުކުރާ" ވާހަކަ ދައްކަވައިގެން، ފައިސާއަށް ވީ ހިޔާނާތުގެ އަސްލު މައްސަލަ އޮޅުވާލާށެވެ.

ރައީސް މުއިއްޒުގެ މި އަމަލުން ހާމަވަނީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ނަޒާހަތްތެރިކަމުގެ ޝިއާރުގައި ނަމަވެސް، އަމަލީ ގޮތުން ކުރައްވަނީ ކޮރަޕްޝަނަށް ހިތްވަރު ދިނުމުގެ މަސައްކަތް ކަމެވެ. އިދިކޮޅު ފަރާތްތަކުން މަޖިލީހަށް މި މައްސަލަ ހުށަހަޅާފައިވާއިރު، ރައީސް "ނޭނގޭ" ކަމަށް ވިދާޅުވެ ހަނު ހުންނެވުމަކީ ރައްޔިތުންގެ ފައިސާއަށް ޣައްދާރުވުމެވެ. މި ސަރުކާރަކީ ހިޔާނާތާއި، އާއިލީ ނުފޫޒާއި، އޮޅުވާލުމުގެ މައްޗަށް ބިނާވެފައިވާ ސަރުކާރެއްކަން މިއަދު މިވަނީ މާލެ ޓެކްސީ އެޕުން އެކަނި ވެސް ސާފުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved