April 20, 2026
Advertisement
.
. / ތޭރަ އޮންލައިން

މުއިއްޒު ވިދާޅުވީ އެމްއޭސީއެލްއިން ސިޔާސީ ވަޒީފާ ދިންކަން އެނގިވަޑައިނުގަންނަވާ ކަމަށް

Yana Shareef
ޔާނާ ޝަރީފް
Apr 20, 2026, 04:49 PM

ސަރުކާރު ހިއްސާވާ ކުންފުނިތަކުން، ޚާއްސަކޮށް އެމްއޭސީއެލްއިން ބޮޑެތި މުސާރައިގައި ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން ނަގާފައިވާ ކަމުގެ ސާފު ހެކިތަކެއް ފެންނަން ހުރި ނަމަވެސް، އެފަދަ ކަމެއް ހިނގާފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒު އެކަމުން ރެކިވަޑައިގެންފިއެވެ.

Advertisement

ނިމިދިޔަ މަޖިލިސް އިންތިޚާބާ ދިމާކޮށް އެމްއޭސީއެލްއަށް އެކަނިވެސް 85 އެއްހާ މީހުން ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭއިރު، މީގެ ތެރޭގައި 20،000ރ. އާއި 40،000ރ. އާ ދެމެދުގެ މުސާރަ ލިބޭ މަގާމުތަކަށް އެއްވެސް މަސައްކަތެއް ނުކުރާ "ސިޔާސީ އެކްޓިވިސްޓުން" އައްޔަންކޮށްފައިވާ ކަމުގެ ލިސްޓެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް މުއިއްޒު ވިދާޅުވީ، އެފަދަ ލިސްޓެއް އެ މަނިކުފާނާ ހަމައަށް އައިސްފައިނުވާ ކަމަށެވެ. މިއީ ދައުލަތުގެ ބޮޑެތި ކުންފުނިތަކުގެ ހިންގުން ބޭނުންހާ ގޮތަކަށް ސިޔާސީ ކުރަމުންދާއިރު، އެކަމުގެ ޒިންމާއިން ރެކިވަޑައިގަތުމަށް ދެއްވި ޖަވާބެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ސިފަކުރެއެވެ. މީގެ އިތުރުން، ކުންފުނިތަކުން މުވައްޒަފުން މަދުކުރަން އަންގާފައިވާ ކަމަށް ވިދާޅުވެ، ރައީސް ވަނީ ބޭނުންނުވާ މުވައްޒަފުން ވަކިކުރާނެ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ. މިއީ އިންތިޚާބު ނިމުމާއެކު، ބޭނުން ހިފުމަށްފަހު އާންމު މުވައްޒަފުން މަގުމަތިކުރުން ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ.

ހަމައެއާއެކު، ކައުންސިލް އިންތިޚާބާ ދިމާކޮށް އެމްޓީސީސީން ތައާރަފްކުރި 'މާލެ ޓެކްސީ' އެޕާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތައް ވެސް ރައީސް ވަނީ ދޮގުކުރައްވާފައެވެ. އެޕްގައި މައްސަލަތަކެއް ހުރި ކަމަށް އެއްބަސްވެވަޑައިގެންނެވި ނަމަވެސް، އެކަމުގައި ހިންގާފައިވާ އުސޫލުން ބޭރުގެ މުއާމަލާތްތަކުގެ ޒިންމާ ނެންގެވުމުގެ ބަދަލުގައި ރައީސް ވިދާޅުވީ އެފަދަ ކަމެއް ކުރަން ފުރުސަތު ނުދެއްވާނެ ކަމަށެވެ. ކެމްޕޭންތަކާ ދިމާކޮށް ވަޒީފާ ދިނުން ހުއްޓާލަން ޖެހޭނެ ކަމަށް ވިދާޅުވާއިރު، އަމަލީ ގޮތުން ފެންނަނީ ސަރުކާރުން ނުފޫޒު ބޭނުންކޮށްގެން ކުންފުނިތައް ސިޔާސީ ކުރަމުންދާ މަންޒަރެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved