
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށްގެން މެނުވީ ގައުމުގެ ކަންކަން ރަގަޅު ކުރެވެން ނެތް ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
އައްބާސް މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އައްބާސްގެ ޕޯސްޓުގައި ވިދާޅުވެފައިވާ ގޮތުގައި، ރައްޔިތުން ރިޔާސީ ނިޒާމެއް އިހްތިޔާރުކޮށްފައި ވާއިރު ރިޔާސީ ނިޒާމެއް އޮތުމަކުން ރިޔާސީ ނިޒާމުގެ ތެރެއިން އުފެދިގެން ދިޔަ އެއްވެސް ވެރިކަމަކުން އޭގެ ފޮނިމީރުކަން ނުވަތަ އުފާވެރިކަން ދިވެހި ރައްޔިތުންނަކަށް ނުލިބުނު ކަމީ މިއަދު ގަބޫލު ކުރަންޖެހިފައިވާ ހަޤީގަތެއްކަމަށެވެ.
އެގޮތުން ރިޔާސީ ނިޒާމުގެ ތެރެއިން އުފެދިގެން އަންނަ ކޮންމެ ވެރިކަމަކުން މަތިބަރު ސަރުކާރެއް އުފަންކުރުވާ ރައްޔިތުންގެ ޓެކުސް ފައިސާކޮޅު ލޫޓުވާލާ ރައްޔިތުން ހިރިނުލެވޭ ވަރަށް ބިކަކޮށްލާ ބޮޑު މަންޒަރު ފެނިފައިވާ ކަމަށް ވިދާޅުވެ އައްބާސް ވަނީ މިހާރު ވެސް ފެނިގެން ދަނީ ވެރިމީހާ އިސްވެ ހުރެ، ވެރިމީހާގެ އޯޑަރަށް ވަޒީރުންގެ މަޖިލީހާ ކުންފުނިތަކުގެ ވެރިން ގުޅިގެން އަތު ޖެހުނު ގޮތަކަށް ރައްޔިތުންގެ ތިޖޫރީއަށް އަތާފައި ބާނައިގެން ލޫޓުވާލާ މަންޒަރު ކަމަށެވެ.
މީގެ ސަބަބުން ހުރިހާ ނިކަމެތިކަމެއް ތަހައްމަލު ކުރަންޖެހެނީ ރައްޔިތުންކަން ފާހަގަކުރައްވާ އައްބާސް ވަނީ އެހެން ކަމުން މިކަން ނިމުމަކަށް ގެނައުމަށްޓަކައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށްގެން ވިޔަސް މިކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ތަކެއް ނާޅާ ރައްޔިތުން ހަނު ތިބުމަކީ ޤައުމުގެ މުސްތަޤުބަލު އިތުރަށް ބަނަވެ ރައްޔިތުން އިތުރަށް ނިކަމެތިވެގެންދާނެ ކަމެއްކަމަށް އޭނާ ދެކޭ ކަމަށް ހާމަކޮށްފައެވެ.
.ކުރިއަރާފައިވާ ބޮޑެތި އިޤްތިސާދުތައް އޮންނަ ޤައުމުތަކުގެ ވެރިކަމުގެ ނިޒާމަށް ބަލާލާއިރު އިންޑިއާ، ލަންޑަން،، އިޓަލީ، ކެނަޑާ، މެލޭޝިއާ، ޕޯޗުގަލް، އޮސްޓްރިއާ، އޮސްޓްރޭލިއާ، ސިންގައްޕޫރު، ސުވިޑަން، ސުވިޒަލޭންޑު، ނެދަލޭންޑު، ފިއްލޭންޑު، ހޮންކޮންގު، ޖަރުމަނު ފަދަ ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ޤައުމުތަކުގައި އޮންނަނީ ބަރުލަމާނީ ނިޒާމުކަން ވެސް އައްބާސްގެ ދިގު ޕޯސްޓު ނިންމަވާލައްވަމުން ފާހަގަކޮށްފައި ވެސް ވެއެވެ.










