April 24, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޑެންގޫ ހުން ޖެހިގެން މުލީގެ ޒުވާން ދަރިވަރަކު ނިޔާވެއްޖެ: އާއިލާއިން ހޮސްޕިޓަލަށް ބޮޑެތި ތުހުމަތުތަކެއް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 24, 2026, 10:29 AM
މާލެ ސިޓީ

މ.މުލީ ރީޖަނަލް ހޮސްޕިޓަލުގައި ޑެންގޫ ހުން ޖެހިގެން ފަރުވާދެމުންދިޔަ އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ރޭ ނިޔާވެއްޖެއެވެ.

Advertisement

މި ހިތާމަވެރި ހާދިސާގައި ނިޔާވީ މުލީ ސްކޫލުގެ ގްރޭޑް 11 އެއްގައި ތަޢުލީމު ހާސިލުކުރަމުންދިޔަ އައިޝަތު އަންޖަލްއެވެ. މުލީ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ގޮތުގައި، އަންޖަލް ނިޔާވީ ބުރާސްފަތި ދުވަހުގެ ރޭ 10 ޖަހާކަންހާއިރުއެވެ.

އާއިލާގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި، އަންޖަލް ބަލިވެގެން މުލީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އޭނާގެ ހާލަތު ސީރިއަސްވާން ފެށީ ބުދަ ދުވަހުގެ ރޭ ދަންވަރު ކަމަށާއި، ހާލަތު އިތުރަށް ގޯސްވެގެން ބުރާސްފަތި ދުވަހުގެ ރޭ 9 ޖެހިއިރު އައިސީޔޫއަށް ވެއްދި ނަމަވެސް، އައިސީޔޫއަށް ލީތާ ގަޑިއެއްހާއިރުގެ ތެރޭގައި އޭނާ ވަނީ ނިޔާވެފައެވެ.

މި ހާދިސާގައި ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ. އާއިލާއިން ބުނި ގޮތުގައި މުލީގައި އެއާޕޯޓާއި ސީ އެމްބިއުލާންސްގެ ޚިދުމަތް އޮތްއިރު، ކުއްޖާގެ ފުރާނަ ސަލާމަތްކުރުމަށް އެކަށީގެންވާ އަވަސް ފިޔަވަޅުތަކެއް އެޅިނަމަ، އޭނާ މާލެ ފޮނުވައިގެން އިތުރު ފަރުވާ ދެވުނީސް ކަމަށް ގަބޫލުކުރެވެއެވެ.

ރާއްޖޭގައި ޑެންގޫ ހުން ފެތުރޭ މިންވަރު މިދުވަސްވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފާއިތުވި މަސްތަކުގައި ބަލިޖެހޭ މީހުންގެ އަދަދު ކުރީ އަހަރުތަކަށްވުރެ ވަނީ އިތުރުވެފައެވެ. މި މަހުގެ 13 ވަނަ ދުވަހުވެސް ށ. މިލަންދޫގެ 22 އަހަރުގެ ޒުވާނަކު ވަނީ ޑެންގޫ ޖެހިގެން ނިޔާވެފައެވެ.

އާންމުގޮތެއްގައި މެއި މަހުން ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގައި ޑެންގޫ ފެތުރޭ މިންވަރު އިތުރުވާއިރު، މިއީ ވަރަށް އަވަހަށް ސީރިއަސްވެ، ފުރާނައަށް ނުރައްކާވާ ބައްޔެކެވެ. ބަލީގެ އަލާމާތްތައް ފެންނަތާ ތިން ދުވަސްވުމުން ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، ގިނައިން ދިޔާތަކެތި ބޭނުންކުރުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވައެވެ. ޚާއްޞަކޮށް ކުޑަކުދިންނާއި ޒުވާނުން ބަލީގައި ނިޔާވާ މިންވަރު އިތުރުވަމުންދާތީ، މަދިރިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved