
ލަގްޒަރީ ކްރޫޒް ޝިޕެއް ކަމަށްވާ އެމްވީ ހޮންޑިއަސް ބައިނަލްއަގްވާމީ ސިއްހީ ބިރުވެރިކަމުގެ މަރުކަޒަކަށް ވެއްޖެއެވެ. މި އުޅަނދުގައި ނުރައްކާތެރި ހަންޓާވައިރަސް ފެތުރި، މިހާތަނަށް މަދުވެގެން ތިން މީހަކު މަރުވެފައިވާއިރު، އެތައް ބަޔަކު ވަނީ ބަލިވެފައެވެ. 23 ގައުމެއްގެ ފަސިންޖަރުންނާއެކު އާޖެންޓީނާގެ އުޝުއާޔާ އިން އޭޕްރީލް މަހު ފުރި މި އުޅަނދުގެ ދަތުރުގެ ތެރޭގައި ގިނަ ބަޔަކަށް ނޭވާލާ ނިޒާމުގެ ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާން ފެށިއެވެ.
ކަމާބެހޭ ފަރާތްތަކުން އެންމެ ބޮޑަށް ކަންބޮޑުވަނީ، މި ބަލިމަޑުކަމުގައި ބައިވެރިވަނީ 'އެންޑީސް ސްޓްރޭން' ނަމަކަށް ކިޔާ ހަންޓާވައިރަސްގެ ބާވަތެއް ކަމަށް ޝައްކު ކުރެވޭތީއެވެ. މިއީ އިންސާނުންގެ ފަރާތުން އިންސާނުންގެ ގަޔަށް ފެތުރުމުގެ ގާބިލްކަން ހުރި ހަމައެކަނި ހަންޓާވައިރަސްގެ ބާވަތެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނާ ގޮތުގައި، އެއް ކެބިންއެއްގައި އުޅޭ މީހުންނާއި ސިއްހީ އެހީތެރިންގެ މެދުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވުމަކީ އާންމު ހަންޓާވައިރަސް އައުޓްބްރޭކްތަކަށް ވުރެ މާ ބޮޑު ނުރައްކަލެކެވެ.
މި ހާލަތާ ގުޅިގެން ބައެއް ގައުމުތަކުން ވަނީ ބޯޓު ބަނދަރު ކުރުމަށް ދެކޮޅު ހަދާފައެވެ. އެގޮތުން ކޭޕް ވަރޑޭ އިން ބޯޓު ބަނދަރު ކުރަން ދެކޮޅު ހެދިއިރު، ސްޕެއިންގެ ކެނެރީ އައިލެންޑްސް އިން ބޯޓު ބަލައިގަތުމަށް އެއްބަސްވުމުން ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. މިހާރު ފަސިންޖަރުން ތިބީ ކެބިންތަކުގައި ބަންދުކޮށްފައި ކަމަށާއި، މެޑިކަލް ޓީމުތަކުން ބޯޓުގައި ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ބަލިމަޑުކަން ފެތުރެމުން ދިޔައިރުވެސް ދަތުރު ކުރިއަށް ގެންދިއުމުން ކްރޫޒް އޮޕަރޭޓަރުންނަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އެންޓާޓިކާ އާއި ސައުތު ޖޯޖިއާ ފަދަ ދުރު ސަރަހައްދުތަކަށް ދަތުރުކުރިއިރު، ބަލީގެ އަލާމާތްތައް ފެނުމުންވެސް ދަތުރު މެދުކަނޑާނުލައި ކުރިއަށް ގެންދިޔަ ކަމަށް ތުހުމަތު ކުރެވެއެވެ. ކަމާބެހޭ މާހިރުން ވިދާޅުވަނީ ކުރިން ފިޔަވަޅު އެޅިނަމަ މަރުވި މީހުންގެ އަދަދު މަދުކުރެވުނީސް ކަމަށެވެ.
މިހާރު ޔޫރަޕް، ދެކުނު އެފްރިކާ އަދި އެމެރިކާގެ ސިއްހީ އިދާރާތަކުން ދަނީ މި ބޯޓުން ކުރިން ފުރައިގެން ދިޔަ ފަސިންޖަރުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސީޑީސީ އާއި ސްވިޒަލޭންޑްގެ ސިއްހީ އިދާރާތަކުން ވަނީ މި ކްރޫޒްއާ ގުޅުންހުރި ޕޮޒިޓިވް ކޭސްތައް ފެނިފައިވާކަން ކަށަވަރުކޮށްދީފައެވެ. މިއީ ކޮވިޑް-19 އަށް ފަހު ކަނޑުމަތީގައި ހިނގި އެންމެ ނުރައްކާތެރި ސިއްހީ ހާދިސާގެ ގޮތުގައި މިހާރު ވަނީ ބެލެވިފައެވެ










