
ސާކް ކަރަންސީ ސްވޮޕް އެރޭންޖްމަންޓްގެ ދަށުން 30 ބިލިއަން ރުފިޔާގެ ފުރަތަމަ ޑްރޯލް ކްލިއާކޮށް، ދިވެހިރާއްޖެއަށް އާ ފައިނޭންޝަލް ސަޕޯޓް ޕެކޭޖެއް އިންޑިއާއިން ފާސްކޮށްފައިވާ ކަމަށް މާލޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.
މި މާލީ އެހީތެރިކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އިންޑިއާގެ ރިޒާވް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން ފޯރުކޮށްދޭ އެހީއެކެވެ. މި އިންތިޒާމުގެ މައިގަނޑު މަގުސަދަކީ ރާއްޖެއަށް އިގްތިސާދީ ހަމަޖެހުމާއި ލިކުއިޑިޓީ ސަޕޯޓް ފޯރުކޮށްދިނުމެވެ.
މި ފަހަރުގެ އެހީ ލިބިފައިވަނީ 2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު މުއްދަތު ހަމަވާ ގޮތަށް، މީގެ ކުރިން ރާއްޖެއިން ހޯދާފައިވާ 400 މިލިއަން ޑޮލަރުގެ ފެސިލިޓީއަށް ފަހުގައެވެ.
ކަމާބެހޭ އޮފިޝަލުން ފާހަގަކުރެއްވި ގޮތުގައި 2024 އިން 2027 އަށް މިހާރު ހަމަޖެހިފައިވާ ސްވޮޕް ފެސިލިޓީގައި ހިމެނެނީ ލުއި އިންޓަރެސްޓް ރޭޓްތަކާއި ފްލެކްސިބަލް ޝަރުތުތަކެކެވެ. މިއީ ރާއްޖެ ފަދަ ގައުމުތަކަށް މާލީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.
ސާކް ސްވޮޕް ފްރޭމްވޯކް 2012 ވަނަ އަހަރު ތައާރަފްކުރި ފަހުން، އިންޑިއާއިން ވަނީ އެކި ފަހަރު މަތިން ރާއްޖެއަށް އެހީގެ ގޮތުގައި ޖުމްލަ 1.1 ބިލިއަން ޑޮލަރު ދޫކޮށްފައެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ރާއްޖޭގެ އިގްތިސާދީ ދުވެލި ދެމެހެއްޓުމަށް އިންޑިއާއިން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.
ނަމަވެސް، ސަރުކާރުން ބޭރުގެ ގައުމުތަކުން ލޯނު ނެގުން އިތުރުވަމުންދާތީ، އޭގެ ސަބަބުން ދައުލަތުގެ ދަރަނި ބޮޑުވެ، އަންނަން އޮތް ޖީލުތަކަށް އޭގެ ނޭދެވޭ އަސަރު ފޯރާފާނެ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ.










