
ދައުލަތް ދަވާލުމުގެ ފިކުރަށް އަހަރެމެން ނޫނެކޭ ބުނާނީ ކޮން އިރަކުންކަމާ މެދު ކެންދު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަލީ ހުސެއިން ސުވާލު އުފައްދަވައިފިއެވެ.
400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕާ ގުޅޭގޮތުން ކުރީގެ މިނިސްޓަރު އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު އަހުމަދު މުހައްމަދު އެކްސްގައި ވަނީ ކަންބޮޑުވުން ފާޅުކޮށް ޕޯސްޓެއް ހިއްސާކޮށްފައެވެ.
އަހުމަދު ވިދާޅުވެފައިވަނީ، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕާ ގުޅޭގޮތުން ދައުލަތުގެ އެކިއެކި މުއައްސަސާތަކަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ހާމަކުރައްވާ މައުލޫމާތުތަކުގައި ފުށުއެރުންތަކެއް ހުރުމަކީ ނުހަނު ސީރިއަސް މައްސަލައެއް ކަމަށެވެ.
އަދި އެއީ ރާއްޖޭގެ ރިޒާވްގެ ހާލަތާއި، ދަރަނި އަދާކުރުމުގެ ގާބިލުކަމުގެ އިތުރުން އަސާސީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ހަމަޖެއްސުމާ ސީދާގޮތުން ގުޅިފައިވާ، ދަރަނީގެ ގޮތުގައި ހޯދާފައިވާ މާލީ އެހީތެރިކަމެއް ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
މި ފައިސާ އަނބުރާ ދެއްކުން ތަކުރާރުކޮށް ފަސްކުރަން ޖެހުމުން ދޭހަވަނީ، ރިޒާވް ހަރުދަނާކުރުމަށާއި ދަރަނި މެނޭޖްކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމެވެ. ދައުލަތުގެ އެކި މުއައްސަސާތަކުން މިފަދަ މުހިންމު މާލީ ކަންކަމުގައި ދެބަސްނުވާ، ސާފު އަދި އެއްގަލަކަށް އަރާ މައުލޫމާތު ހާމަކުރުމަކީ އިގްތިސާދީ އިތުބާރު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ. ދެފުށް ފެންނަ ގޮތެއްގައި ކަންކަން ހާމަނުކުރެވޭނަމަ، ގައުމުގެ އިގްތިސާދަށް އޮތް އިތުބާރު ކުޑަވެގެން ދިއުމުގެ ނުރައްކާ އިންތިހާއަށް ބޮޑުކަން ވެސް އަހުމަދު ފާހަގަކުރައްވާފައިވެއެވެ.
އަހުމަދު ޕޯސްޓު ރީޕޯސްޓުކޮށް އަލީ ވަނީ ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފެތުރިފައިއޮތް ދައުލަތް ދަވާލުމުގެ ފިކުރަށް އަހަރެމެން އެންމެން ނޫނެކޭ ބުނާނީ ކޮންއިރަކުން ކިހިނަކުންތޯ؟ ކަމާ މެދު ސުވާލު އުދައްދަވާ އެކަން ކުރާނީ ދައުލަތް ބަނގުރޫޓުވެ ހަސްފަސް ނެތުމުންތޯ ނުވަތަ މިހާރުތޯ އައްސަވާ އާންމުންނަށް ވަރުގަދަ ސުވާލެއް އަމާޒުކުރައްވާފައެވެ.
އަލީ މިފަދައިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕަކީ އިންޑިއާއިން އޮކްޓޯބަރު 2024 ގައި ދޫކުރި ލައިން އޮފް ކްރެޑިޓެކެވެ. މި ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިނުމަށް ކަމަށް ރިޕޯޓުކޮށްފައިވަނީ، އިންޑިއާގެ މަޝްހޫރު ނޫސްތަކެއް ކަމަށްވާ "ހިންދުސްތާން ޓައިމްސް" އާއި "އިކޮނޮމިކް ޓައިމްސް" އިން ރިޕޯޓުކޮށްފައިވާއިރު މިކަމާ ގުޅިގެން ސީދާ ރައީސް މުހައްމަދު މުއިއްޒާ ސުވާލުކުރުމުން ސީދާ ޖަވާެބެއް ދެއްވާފައިނުވެއެވެ.










