
ދަނާލުގައި މަރުވި ކުއްޖާގެ ޒާތީ މައުލޫމާތު ހާމަކުރީ މަޖްބޫރުވެގެން ކަމަށް ވިދާޅުވެ، ރައީސް ޑރ މުހައްމަދު މުއިއްޒު، ވަޒީރު އަލީ އިހުސާނުގެ ދިފާއުގައި ވާހަކަފުޅު ދައްކަވައިފިއެވެ.
ރައީސް މުއިއްޒު މިފަދައިން ވާހަކަފުޅު ދައްކަވާފައިވަނީ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ހުރިހާ ކަމެއް އާންމު ރައްޔިތުން ޒިންމާ ނަގަން ޖެހޭ ފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ، ނަފުސާނީ ބައްޔެއް ތަހައްމަލް ކުރަމުން އައި އުމުރުން 18 އަހަރުގެ ޒުވާނަކު ދަނާލުގައި ނިޔާވި ހާދިސާގައި އޭނާގެ ޒާތީ މައުލޫމާތު ސަރުކާރުން ހާމަކުރީ އާންމުންގެ ފަރާތުން ކުރިމަތިވި ޕްރެޝަރުތަކުގެ ސަބަބުން މަޖުބޫރުވެގެން ކަމަށާ އެކަން އެގޮތަށް ކުރަން މަޖްބޫރުވީ މައްސަލަ ބަލަން ތިބި ފުލުހުންނަށް ތުހުމަތުތަކެއް އަމާޒުވުމުން އެ ތުހުމަތުތަކުން އެ ފުލުހުން ބަރީއަކުރަން ކަމަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުން ދޭހަވެގެން ގޮސްފައިވެއެވެ.
އެ މަސައްކަތް ކުރަން ހުންނަ ކުއްޖާ، އާދައިގެ ވަޒީފާގައި ހުންނަ ކުއްޖާ، އޭނާ ގޯހެއް ނުހަދާ ކަމަށް ވަންޏާ އޭނަ ވަރަށް ބޮޑު ޕްރެޝަރަކަށް އެބަ ދޭ. ދެން އޭނަގެ އާއިލާ އޭގެ ސަބަބުން ނުރައްކަލަކަށް ވެސް އެބަ ދޭ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ހަމަ މުޖްތަމައު އެއް ވިސްނުމެއްގައި، އެއް ރޫހެއްގައި ހިނގަންޏާ ޕާސަނަލް އިންފޮމޭޝަން އެއްވެސް ވަރަކަށް ޝެއާ ކުރަން އެ ވާ މަޖުބޫރުވުން ވެސް މަޖުބޫރެއް ނުވާނެ
ރައީސް މުއިއްޒު
ރައީސް މުއިއްޒު ވިދާޅުވީ ޒާތީ މައުލޫމާތު ހާމަކުރުން ރަގަޅުވެސް ނޫން ކަމަށެވެ.
ދަނާލުގައި ނިޔާވި ކުއްޖާގެ ޒާތީ މައުލޫމާތު އާންމު ކުރީ ހޯމް މިނިސްޓަރު އަލީ އިހުސާން ބުރާސްފަތި ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިންނެވެ. ނިޔާވި ކުއްޖާ ފުލުހުންގެ ސޯޝަލް ސަޕޯޓް ސާވިސްއަށް ކޮށްފައިވާ ހުރިހާ މެސެޖުތަކެއް އިހުސާން ވަނީ ލީކުކޮށްލައިފަ އެވެ.










