
މީޑިއާ ކުށްވެރިކުރެއްވުމުގެ ބަދަލުގައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަމަލުފުޅުތައް އިސްލާހުކުރައްވަން ރައީސް އަބްދުﷲ ޔާމީން ނަސޭހަތްތެރިވެވަޑައިގެންފިއެވެ.
އެމަނިކުފާނު މިފަދަ ނަސޭހަތްޕުޅެއް ރައީސް މުއިއްޒަށް އަމާޒުކުރެއްވީ ފާއިތުވި 24 ގަޑިއިރުގެ ތެރެގައި ދެ މީޑީޔާއަކަށް ތަފާތު ފިޔަވަޅުތަކެއް ސަރުކާރު މެދުވެރިކޮށް އަޅާފައިވަނިކޮށް މީޑީޔާތަކަށް ފޮނުއްވި ޚާާއްސަ ކުރު މެސެޖެއްގައެވެ.
ރައީސް ޔާމީން ވިދާޅުވީ، "އަދަދު" ނޫހާ އަދި ޗެނަލް13އަށް ވެސް އަޅަމުން ދަނީ ހަޑި މުޑުދާރު ފިޔަވަޅު ކަމަށާ އެކަންކަން ކުރުމުގެ ބަދަލުގައި ރައީސް މުއިއްޒުގެ އަމަލުފުޅުތައް އިސްލާހު ކުރަން ގޮވާލައްވާ ކަމަށެވެ.
ރައީސް ޔާމީން މިފަދައިން ގޮވާލައްވާފައިވާއިރު، "އަދަދު" ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމަންޓްރީގައި ވަނި ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ އެ ޑޮކިއުމަންޓްރީއާ ގުޅުން ހުރި ހުރިހާ ފަރާތްތަކުގެ މައްސަލަ ބެލުމަށް ރައީސް މުއިއްޒު އަމުރު ކުރެއްވުމުން ފުލުހުން ވަނީ ރޭގެ ވަގުތެއްގައި "އަދަދު" ނޫހުގެ އޮފީސް ރެއިޑް ޖަހާ އެ ނޫހުގައި މަސައްކަތްކުރަން ގެންގުޅޭ ހުރިހާ އާލަތްތަކެއް ހެން ގެންގޮސްފައެވެ.
މީގެއިތުރުން ސަރުކާރާ ދެކޮޅަށް ޝުއޫރު ފާޅުކޮށް ޕީއެންއެފުން ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ލައިވް ކަވަރޭޖު ހުއްޓާލުމަށް މީޑިއާ ކޮމިޝަނުން ވަނީ ޗެނަލް13އަށް އަންގާފައެވެ. ހުއްޓާލުމަށް އެންގީ މުއްދަތެއް ނެތް ގޮތަށް، އެ ކޮމިޝަނުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށް ބުނެއެވެ.
ރައީސް ޑރ މުއިއްޒަކީ ވެރިކަމަށް ވަޑައިގަތުމަށް ނޫސްވެރިން މެދުވެރިކޮށް އޭރުގެ ރައީސް އާއި ސަރުކާރަށްވެސް ބޮޑެތު ތުހުމަތުތައް އަމާޒުކުރުވާ މީޑީޔާ ކަވަރޭޖު ހެއްދެވި ބޭފުޅެކެވެ.










