ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު، މި މަހުގެ 30 ވަނަ ދުވަހުހުޅުވައިލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ އޭނާ އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ.
އެގޮތުން އެޕޯސްޓުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް، ފުރުސަތު ހުޅުވާލަން އިލެކްޝަންސް ކޮމިޝަނުން ތާވަލް ކޮށްފައިވަނީ، 2024 ޖެނުއަރީ 30 ން ފެބުރުއަރީ 14 ގެ ނިޔަލަށްކަމަށް ވިދާޅުވެފައެވެ.
އީސީއިން ބުދަ ދުވަހު ވަނީ މާޗު މަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިޚާބު ބޭއްވުމަށް ނިންމާފައިވާކަން އިއުލާނުކޮށްފައެވެ.
އެއާއެކު މި އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށްފައިވާއިރު އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މި މަހުގެ 21 ގެ ނިޔަލަށް ހުޅުވާލައިފައިވެއެވެ.
މި އިންތިޚާބުގައި މާޗު 17 ގެ ނިޔަލަށް 18 އަހަރު ފުރޭ މީހުންނާއެކު ޖުމްލަ 284327 މީހުންނަށް މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.