April 30, 2026
Advertisement
-
- / -

އެންޓި-ޑިފެކްޝަން އިސްލާހު ސައްހަ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 29, 2026, 08:29 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިޚާބުވި ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ފްލޯ ކްރޮސްކޮށްފި ނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

Advertisement

މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުން ކުރި ހުކުމުގައި، ހަ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމަވާފައި ވަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެސްފައިވާ މި އިސްލާހަކީ ދުސްތޫރީ ގޮތުން ސައްހަ އިސްލާހެއް ކަމަށެވެ. މި ނިންމުމާ ދެކޮޅަށް ރައުޔު ނެރުއްވީ ފަނޑިޔާރު އައިޝާ ސުޖޫން މުހައްމަދު އެކަންޏެވެ.

އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އިއްވެވި ހުކުމުގައި ވިދާޅުވީ، މި ސަރުކާރުން ގާނޫނުއަސާސީއަށް ގެނައި މި ބަދަލަކީ ބާތިލު ކުރަންޖެހޭ ފަދަ އެއްވެސް އަސާސެއް އޮތް ބަދަލެއް ނޫން ކަމަށެވެ. އަދި މި އިސްލާހަކީ މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ވެސް ތަންފީޒު ކުރެވޭނެ އިސްލާހެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

"މި އިސްލާހަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރުންގެ މައްޗަށް ތަތުބީގު ކުރެވޭނެ އިސްލާހެއް ނޫން ކަމަށް ކަނޑައެޅޭނެ އެއްވެސް ހަމައެއް ނެތް،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ނަމަވެސް، ފަނޑިޔާރު ސުޖޫންގެ ތަފާތު ރައުޔުގައި ފާހަގަކުރެއްވީ މިއީ ރައްޔިތުންގެ މަޝްވަރާއެއް ނެތި، "ކުޅިވަރެއްގެ މެދުތެރެއިން ގަވާއިދު ބަދަލުކުރުން" ފަދަ ކަމެއް ކަމަށެވެ. ސުޖުން ދެކެވަޑައިގަންނަވާ ގޮތުގައި މި އިސްލާހަކީ ގާނޫނުއަސާސީގެ ރޫހާ ޚިލާފަށް ގެނެސްފައިވާ ބަދަލެކެވެ.

2024 ވަނަ އަހަރު ގާނޫނުއަސާސީއަށް މި އިސްލާހު ގެނައީ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމުގެ މަގުސަދުގައެވެ. މި މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔައިރު، ބެންޗަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. އޭގެ ތެރޭގައި ތިން ފަނޑިޔާރަކު ސަސްޕެންޑު ކުރުމާއި، އޭގެ ތެރެއިން ދެ ބޭފުޅަކު ވަކިކޮށް އެއް ބޭފުޅަކު އިސްތިއުފާ ދެއްވުން ހިމެނެއެވެ. މިއަދުގެ ހުކުމް އިއްވީ މި ސަރުކާރުގައި އަލަށް އައްޔަން ކުރެއްވި ތިން ފަނޑިޔާރުން ވެސް ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved