
އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، 1800 ގެ އަހަރުތަކުގައި އިނގިރޭސިން އިންޑިއާއިން ގެންދިޔަ މަޝްހޫރު "ކޯހިނޫރު" އަލިމަސް ޖަވާހިރު އަނބުރާ ދިނުމަށް ނިއުޔޯކް ސިޓީގެ މޭޔަރު ޒޯހްރާން މަމްދާނީ ގޮވާލައްވައިފި އެވެ.
މަމްދާނީ މިކަމަށް ގޮވާލެއްވީ ރަސްގެފާނުގެ ދަތުރުފުޅުގެ ތިންވަނަ ދުވަހު ބޭއްވި 9/11 ގެ ހަނދާނީ ބިނާގެ ހަރަކާތެއްގެ ތެރެއިންނެވެ.
ރަސްގެފާނު ޗާލްސް އާއި ރާނީ ކެމިލާއާ ބައްދަލުކުރެއްވުމުގެ ކުރިން މީޑިއާއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަމްދާނީ ވިދާޅުވީ، ރަސްގެފާނާ ވަކިން ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިވަޑައިގެންފިނަމަ، ކޯހިނޫރު އަލިމަސް އަނބުރާ ދިނުމަށް ބާރުއަޅުއްވާނެ ކަމަށެވެ.
ނަމަވެސް އެ ވަގުތުގެ މައިގަނޑު އަމާޒަކީ ޓެރަރިސްޓް ހަމަލާތަކުގައި މަރުވި މީހުންގެ ހަނދާން އާކުރުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ރަސްގެފާނާއި މޭޔަރު ސަލާމް ކުރައްވައި ކޮންމެވެސް ވަރަކަށް ވާހަކަދައްކަވާ މަންޒަރު ފެނުނު ނަމަ ވެސް، އެ ބައްދަލުވުމުގައި މި މައުޟޫއަށް ވާހަކަދެއްކެވިކަން ސާފެއް ނުވެ އެވެ. ލަންޑަންގެ ޓަވަރުގައި ބަހައްޓާފައިވާ 106 ކެރަޓްގެ މި ބޮޑު އަލިމަހަކީ އިނގިރޭސި ޝާހީ ތާޖުތަކުގެ ތެރެއިން ރާނީގެ ތާޖުގައި ހިމެނޭ އެންމެ އަގުބޮޑު އެއް ގަހަނާ އެވެ.










