
މަަސައްކަތްތެރީންގެ ހުރި ގިނަ ކަންބޮޑުވުންތަކެއް، މަސައްކަތްތެރީންގެ ޔޫނިއަންތައް ގުޅިގެން މާލޭގައި ބޭއްވި މޭ ޑޭ މުޒާހަރާގައި ފާޅުކޮށްފި އެވެ.
ހަވީރު މާލޭގެ މަގުތަކުގައި ކުރިއަށް ގެންދިޔަ "މޭ ޑޭ މުޒާހަރާ" ގައި ގެންގުޅުނު ބެނާތަކާއި ބޯޑުތަކުގައި ލިޔެ ފާޅުކުރި ކަންބޮޑުވުންތަކުގެ ތެރޭގައި މަސައްކަތުގެ މާހައުލުގެ ސަލާމަތްތެރިކަން ނެތުމުގެ ކަންބޮޑުވުމާއި ޓޫރިޒަމް ދާއިރާގެ މަސައްކަތްތައް އައުޓްސޯސްކުރުމުގެ ސަބަބުން، މުވައްޒަފުންނަށް ލިބޭ އުޖޫރަ ކުޑަވުން ހިމެނެ އެވެ. ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ސާވިސްޗާޖް ޑޮލަރުން ނުދިމަކީ ވެސް މުޒާހަރާގައި ފާޅުކުރި ކަންބޮޑުވުމެކެވެ.
މަސައްކަތްތެރިންގެ ޖަމިއްޔާތަކުގެ ޔޫނިއަން، މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) އަދި އެކިއެކި ޔޫނިއަންތައް ގުޅިގެން ބޭއްވި މުޒާހަރާގައި އެމްޓީޔޫސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ މިއަދު ބޭއްވި މުޒާހަރާގެ މަގުސަދަކީ މަސައްކަތްތެރިންގެ ކަންބޮޑުވުންތައް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ހިއްސާކުރުން ކަމަށެވެ. މަސައްތެރިންގެ ފަރާތުން އޭނާ ސަރުކާރަށް ގިނަ ޑިމާންޑްތަކެއް ކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓޫރިޒަމްދާއިރާގެ މުވައްޒަފުންނަށް ސާވިސްޗާޖް ޑޮލަރުން ދިނުމަކީ ވެސް މަސައްކަތްތެރިންގެ ޑިމާންޑެކެވެ. ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފިރިހެން މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުމުގެ ހައްގު އޮންނަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުޒާހަރާގައި ބައިވެރިވި މަސްވެރިން އެދެނީ މައުރޫފް ވިދާޅުވި ގޮތުގައި މަސްގަންނަ އަގު ބޮޑުކުރުމަށެވެ.










