
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން، ކޮންގްރެސްގެ އިޖުރާއަތްތަކަށް ބެލުމެއް ނެތި، އިޒްރޭލާއި ގަތަރާއި ކުވައިތު އަދި ޔޫއޭއީއަށް 8.6 ބިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ އަސްކަރީ ހަތިޔާރު ވިއްކުމުގެ ހުއްދަ ދީފި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އިއްޔެ ހާމަކުރި ގޮތުގައި، ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ ކުއްލި ނުރައްކަލުގެ ހާލަތެއް އޮތް ކަމަށް ކަނޑައަޅުއްވާފަ އެވެ. މީގެ ސަބަބުން، ކޮންގްރެސްގެ އާންމު ހުއްދައާ ނުލައި މި މުއާމަލާތްތައް ވަގުތުން ކުރިއަށް ގެންދިއުމުގެ ގާނޫނީ ފުރުސަތު ސަރުކާރަށް ވަނީ ލިބިފަ އެވެ.
މި މުއާމަލާތްތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަނީ ގަތަރަށް ވިއްކާ 4.01 ބިލިއަން ޑޮލަރުގެ 'ޕެޓްރިއަޓް' ވައިގެ ދިފާއީ އަދި މިސައިލް ނިޒާމަށެވެ. މީގެ އިތުރުން، ކުވައިތަށް 2.5 ބިލިއަން ޑޮލަރުގެ އިންޓަގްރޭޓެޑް ބެޓްލް ކޮމާންޑް ސިސްޓަމެއް ވިއްކުމަށާއި ގަތަރާއި އިޒްރޭލަށް ޖުމްލަ 992.4 މިލިއަން ޑޮލަރުގެ 'އެޑްވާންސްޑް ޕްރެސިޝަން ކިލް ވެޕަން ސިސްޓަމްސް' ވިއްކުމުގެ އިތުރުން، ޔޫއޭއީއަށް 147.6 މިލިއަން ޑޮލަރުގެ ނިޒާމެއް ވިއްކުމަށް ވެސް ވަނީ ނިންމާފަ އެވެ.
މި ނިންމުން އިއުލާނުކޮށްފައި މިވަނީ، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމައަށް ނުވަ ހަފުތާ ވެފައިވަނިކޮށެވެ. އަދި މިހާރު ހަނގުރާމަ މެދުކަނޑާލާފައި އޮންނަތާ ތިން ހަފުތާއަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި ހަތިޔާރު ނިޒާމުތައް ވިއްކުމުގެ މައިގަނޑު މަސައްކަތް ކުރާނީ 'ބީއޭއީ ސިސްޓަމްސް' އިންނެވެ. އަދި ކުވައިތާއި ގަތަރުގެ ދިފާއީ ނިޒާމުތަކުގެ މަސައްކަތުގައި 'އާރުޓީއެކްސް'، 'ލޮކްހީޑް މާޓިން' އަދި 'ނޯތުރޮޕް ގްރޫމަން' ބައިވެރިވެ އެވެ.










