
އެމެރިކާގެ ވައިގެ ސިފައިންގެ ގިނަ އަދަދެއްގެ ދަތުރުފަތުރުގެ މަތިންދާބޯޓުތައް މެދުއިރުމައްޗަށް ދަތުރުކުރަން ފަށާފައިވާކަން އެމެރިކާގެ ދިފާއީ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ އެ ސަރަޙައްދުގައި އުފެދިފައިވާ ބޮޑު ނުތަނަވަސްކަމާ ގުޅިގެން، އެމެރިކާގެ އަސްކަރީ ބާރު ގަދަކުރުމަށް އަޅަމުންދާ ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
މަޢުލޫމާތު ލިބޭގޮތުގައި، އެމެރިކާއިން ވަނީ މެދުއިރުމަތީގެ އެކި ސަރަޙައްދުތަކަށް ވައިގެ ދިފާޢީ ބާރުތައް ފޮނުވައި، އެތަނަށް ބޭނުންވާ އިތުރު އަސްކަރީ ސާމާނުތައް ވެސް މިހާރު ވަނީ ޖަމާކޮށްފައެވެ. މި ހަރަކާތްތަކަކީ އެ ސަރަޙައްދުގައި ތިބި އެމެރިކާގެ ސިފައިންނާއި މަސްލަހަތުތައް ހިމާޔަތްކުރުމަށް ކުރާ މަސައްކަތެއް ކަމަށް އެގައުމުން ބުނި ނަމަވެސް، މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނަނީ މިއީ ބޮޑު ހަނގުރާމައަކަށް ތައްޔާރުވުން ކަމަށެވެ.
މި ދަނޑިވަޅުގައި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އިން ވަނީ އެގައުމުގެ ސަރަހައްދުގައި އެމެރިކާގެ ބޮޑެތި ވައިގެ ސިފައިންގެ ފައުޖުތައް ބޭތިއްބުމުގެ ހުއްދަ ދީފައެވެ. މި ހުއްދައާއެކު، އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކަށް އެ ސަރަޙައްދުގެ ވައިގެ ސަރަޙައްދު ބޭނުންކޮށްގެން ހަރަކާތްތެރިވުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެއެވެ.
ޕެންޓަގަންގެ މި ނިންމުންތަކާއި މިހާރު ފެންނަމުންދާ އަސްކަރީ ހަރަކާތްތަކަށް ބަލާއިރު، އެމެރިކާއިން އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާއެއް ދިނުމަށް ތައްޔާރުވަމުންދާކަން މިހާރު ވަނީ ވަރަށް ބޮޑަށް ސާފުވެފައެވެ. މިކަމުގެ ސަބަބުން މެދުއިރުމަތީގެ މަސްރަޙު އިތުރަށް ގޯސްވެ، މުޅި ސަރަޙައްދު ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިދާނެ ކަމުގެ އިންޒާރު ގިނަ ފަރާތްތަކުން އަންނަނީ ދެމުންނެވެ.
އީރާނުން ވެސް ވަނީ އެގައުމަށް ދީފާނެ ކޮންމެ ހަމަލާއަކަށް ރައްދުދޭން ތައްޔާރަށް އޮތްކަމަށް ބުނެފައެވެ. އެހެންކަމުން، ކުރިއަށް އޮތް ދުވަސްތަކަކީ މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ނުހަނު ނާޒުކު ދުވަސްތަކަކަށް ވެގެންދާނެއެވެ.










