
ދިވެހި ނޫސްވެރިން ސަރުކާރު ޖަވާބުދާރީ ކުރުވަން އެތައް މަސައްކަތެއް ކުރަމުންދާއިރު، އެކަންކަން ހުއްޓުވާ ހުރަސް އަޅުއްވަމުން ގެންދަވަމުން، ނޫސްވެރިންގެ ހައްގުތައް ކަށަވަރުކޮށްދެއްވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބާގައި ކަމަށް ވިދާޅުވެ އެމަނިކުފާނު ފޮނުއްވި ޚިޠާބުގައި ވަނީ، ނޫސްވެރިކަމަކީ ދައުލަތުގެ ބާރުތައް ގުޅުވައިދޭ ހަތަރުވަނަ ބާރުގެ ގޮތުގައި ސިފަކުރައްވައި، ރާއްޖޭގައި ނޫސްވެރިންނަށް ރައްކާތެރި އަދި ފަހި މާހައުލެއް ގާއިމުކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ އިސް އެއް އަމާޒު ކަމަށް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ފޮނުއްވި ހިތޯބުގައި، އިތުރަށް ވަނީ، އިންސާނީ ހައްގުކާއި، ދެމެހެއްޓެނިވި ތަރައްގީއާއި އަދި ސުލްހަމަސަލަސްކަން ދެމިއޮތުން ގުޅިފައިވަނީވެސް ނޫސްވެރިކަމުގެ މިނިވަންކަމާ ކަމަށާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ހަގީގަތާ އެއްގޮަތަށް ލިޔާ އަދި ތެދު ބުނާ މީހުންގެ ރައްކާތެރި ވެށްޓެއް ބިނާކުރުމުގެ އަޒުމު ކަނޑައަޅަން ގޮވާލައިފައެވެ.
ދިވެހި ނޫސްވެރިންނަށް ހުރިހާ ގޮތަކުން ފަހި ރައްކާތެރި މާހައުލެއް ތަނަވަސްކޮށްފައި ބޭއްވުމަކީ، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ހިފަހައްޓަމުން އަންނަ އެންމެ މަތީ އެއް މަސްލަހަތު ކަމަަށް ވިދާޅުވެ ދިވެހި ނޫސްވެރިންނަށް ގާނޫނު އަސާސީއިން ކަށަވަރު ކޮށްދީފައިވާ އެންމެހައި ހައްގުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ކަށަވަރު ކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް އެ ޚިޠާބުގައިވެއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވާިއރު، އެމަނިކުފާނަކީ މިހާތަނަށް އެންމެ ބޮޑަށް މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅި ރައީސް ކަމަށް ގިނަ ނޫސްވެރިން ސިފަކުރަމުން ދެއެވެ.
އެގޮތުން ސަރުކާރު ޖަވާޞުދާރީ ކުރުވަން ނޫސްތަކުގައި ލިޔެފައި ހުންނަ ލިޔުންތައް ނަގަން އެންގުމާ އަދި ލިޔުމުގެ ދާއިރާ ހަނިކުރަން މީޑީޔާ ކޮމިޝަނެއް އަލުން އުފައްދައި ގާނޫނުތަކެއް ހަދައި ވަކި ވަކި ނޫސްވެރިން ޖަލަށް ވެސް ލެވޭނެހެން ފަރުމާކޮށްފައިވެއެވެ.
މީގެ އިތުރުން މިހާރު ބައެއް ނޫސްތަކަށް ފިޔަވަޅު އަޅައި ނޫސްވެރިކަން ކުރަން ގެންގުޅޭ އާލާތްތައްވެސް ސީޒްކޮށްފައިވެއެވެ. އަދި ބައެއް ޓީވީ ސްޓޭޝަންތަކުން ސަރުކާރު ޖަވާބުދާރީ ކުރުވަން ރައްޔިތުން ކުރާ އިހުތިޖާޖުތައް ވަގުތުން ދެއްކުންވެސް މަނާކޮށްފައިވެއެވެ.










