އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުން ދަނީ ނަސްލު ނައްތާލުމުގެ ގަތުލު އާންމެއް ކަމަށް ބުނެ، އިސްރާއީލާއި ދެކޮޅަށް ދެކުނު އެފްރިކާ އިން ދުނިޔޭގެ ކޯޓަށް ހުށަހެޅި މައްސަަލައަށް ރާއްޖެއިން ތާއިދުކޮށްފިއެވެ.
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ޑިސެމްބަރު 29 ވަނަ ދުވަހު ދެކުނު އެފްރިކާއިން ހުށައެޅި މައްސަލައިގައި އަޑުއެހުންތައް ބުރާސްފަތި ދުވަހު ވަނީ ފަށައިފައެވެ.
ނެދަލޭންޑްގެ ދަ ހޭގް ސިޓީގައި ހުންނަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށް ހުށަހެޅި އެ މައްސަލައަށް ތާއިދު ކޮށްފައި ވަނީ އޯގަނިޒޭޝަން އޮފް އިސްްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ގައުމުތަކުންނާއި، މެލޭޝިއާ އާއި ތުރުކީ އާއި އުރުދުންގެ އިތުރުން، ރާއްޖެ އާއި ލީބިޔާ އާއި ޕާކިސްތާނާއި އަރަބި ލީގުގެ ގައުމުތަކުންނާއި ކޮލަމްބިއާ އާއި ބްރެޒިލް ހިމެނެއެވެ.
މި މައްސަލައިގައި އެމެެރިކާއިން ވަނީ ތާއިދު ނުކުރާކަން ހާމަކޮށްފައެވެ. އީޔޫއިން މި މައްސަލައިގައި ހަނު ހުރިއިރު، އިނގިރޭސިވިލާތުން ވަނީ މި މައްސަލައަށް ތާއިދު ކުރަން ދެކޮޅު ހަދައިފައެވެ.
ދެކުނު އެފްރިކާގެ މައްސަލަ ވަކާލާތު ކުރައްވާ ވަކީލެއް ކަމަށްވާ އާދިލާ ހާސިމް ވަނީ ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގައި އިސްރާއީލުން "ޖަރީމާތަކެއް" ހިންގަމުންދާ ކަމަށް ބުނެ ވާހަކަ ދައްކަވާފައެވެ.
މި މައްސަލައާ ގުޅިގެން އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ވަނީ ހަރުކަށި ބަހުން ބަޔާނެއް ނެރެފައެވެ. މިގޮތުން ބޭއްވި އަޑުއެހުމަށް ފަހު ނެރުނު ބަޔާނުގައި ބުނީ ހަމާސްގެ ގާނޫނީ ހަތިޔާރެއްގެ ގޮތުގައި ދެކުނު އެފްރިކާ މަސައްކަތް ކުރާ ކަމަށެވެ.
އައިސީޖޭ އަކީ ގައުމުތަކުގެ މެދުގައި އުފެދޭ ހަމަނުޖެހުންތަކާއި މެދު ހުކުމް ކުރާ އދ ގެ މަދަނީ ކޯޓެވެ. މިއީ ވަކި ވަކި ފަރުދުންނަށް ހަނގުރާމައިިގެ ޖަރީމާގެ މައްސަލަތަކުގައި ޝަރީއަތް ހިންގޭ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓާއި ތަފާތު ކޯޓެއްކަންވ ެސް ފާހަގަކޮށްލެވެއެވެ.
އދ މެމްބަރުންނަށް ވާތީ ދެކުނު އެފްރިކާ އާއި އިސްރާއީލަށްވެސް އައިސީޖޭ ގެ ނިންމުންތަކަށް އިހުތިރާމް ކުރަން ޖެހޭނެއެވެ.