
ރައީސް ޑރ. މުހައްމަދު މުއިއްޒު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިވެހީންނާ ބައްދަލުކުރަން ހަމަޖެހިފައިވާއިރު އެ ބައްދަލުވުމަށް ނުދިއުމަށް އަންގާ ވަކި ލިސްޓެއް ހަދާ ލަންކާ ފުލުހުން އެ ލިސްޓު ތަންފީޒުކުރަން ނުކުމެއްޖެއެވެ.
މައުލޫމާތު އެނގި ހުރި މީހަކު ނަން ހާމަނުކުރުމަށް އެދި ޗެނަލް13އަށް ކިޔައިދީފައިވާ ގޮތުގައި ލިސްޓުގައި ތިބި ބައެއް މީހުންނަށް ހޮނިހިރު ދުވަހު ލަންކާގެ ބައެއް ޕޮލިސް ސްޓޭޝަންތަކުން ގުޅާ އެ ސްޓޭޝަންތަކަށް ހާޒިރުވުމަށް އެންގުމަށް ފަހު އޭގެ ތެރެއިން ބައެއް މީހުންނަށް ސިޓީއެއް ހަވާލުކުރުމަށް އެބައޮތް ކަމަށް ބުނެ އެޑްރެސް ހޯދާ އެޑްރެހަށް ގޮސް ބަލާ ފާސްކުރުން ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
މީގެ އިތުރުން ލަންކާ ފުލުހުން ވަނީ އެމީހުންނަށް ފޯރުކޮށްދީފައިވާ ލިސްޓުގައި ތިބި މީހުން ލައްވާ ރައީސް މުއިއްޒުގެ ބައްދަލުވުމަށް ނުދާނެކަން ކަށަވަރުކުރުވާ ބަޔާނެއް ނަގާ ސޮއިވެސް ކުރުވަމުން ކަމަށް މައުލޫމާތު ދީފައިވެއެވެ.
ނަމަވެސް މިހެން މިކަން ކުރާ ސީދާ ސަބަބކީ ކޮބައިކަން ނޭނގުނު ނަމަވެސް އެ ދިވެހީން ތުހުމަތު ކުރާ ގޮތުގައި ކޮޅުބުގައި ދިރިއުޅެމުންދާ ދިވެހީންގެ ޝަކުވާ ރައީސް މުއިއްޒަށް އޮއްސާލުމުން އެމްބަސީއާ އަދި ސޯސަން ވިލާގެ ވެސް ދޯހަޅިކަން މުޅި ދުނިޔެއަށް ސާބިތުވެގެން ހިނގާދާނެތީ އެކަމަށް ހުރަސް އެޅުމެވެ.
މިކަމާ ގުޅިގެން ޚާރިޖީ ވުޒާރާގެ ބަހެއް އަދި ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ބަހެއްވެސް އަދި ނުލިބެއެވެ.
ލަންކާއަށް މި މަހުގެ 3 އިން 6 އަށް ރައީސް މުއިއްޒު ކުރައްވާ ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް، އަނޫރާ ޑިސެނަޔަކަގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށް ދިވެހި ސަރުކާރުން1 ހާމަކޮށްފައިވެއެވެ. މި ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒުގެ ޝަރަފުގައި ހައިކަމިޝަނަރ މަސްއޫދު އިމާދު ދެއްވާ ރިސެޕްޝަނަށް ލަންކާގައި ދިރިއުޅެމުންދާ ދިވެހިންނަށް ވަނީ ދައުވަތު އަރުވާފައެވެ. ދައުވަތު ފޮނުވާފައިވަނީ ލަންކާގައި ހުންނަ ދިވެހި ކަލްޗަރަލް ސެންޓަރ، "ސޯސަން ވިލާ"އިން އުފައްދާފައި އޮންނަ ވައިބަރ ގްރޫޕަކަށެވެ. ރިސެޕްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮލަންބޯގެ ހިލްޓަންގެ "ދަ ގްރޭންޑް ބޯލް ރޫމް"ގައި މެއި 5 ވަނަ ދުވަހުގެ ހަވީރު 5:15 ގައި އެެވެ.










