
ރައީސް އޮފީހުގައި ސިޔާސީ މަގާމެއް އަދާކުރަމުން ދިޔަ އައިޝަތު އީޝާ އަޝްރަފު އަނެއްކާވެސް ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
އާއިލާގެ ފަރާތުން މި ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ އީޝާ ހުޅުމާލެ ފުލުހަށް މާދަމާ ހަވީރު 4 ޖަހާއިރު ހާޒިރުވުމަށް އަންގާފައިވާ ކަމަށެވެ.
"އަދަދު" ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމަންޓްރީ އުފެއްދުމުގައި ބައިވެރިކަމުގެ ތުހުމަތުގައި އީޝާ އަންގާރަ ދުވަހުގެރޭވެސް ފުލުހަށް ހާޒިރުކޮށްފައިވެއެވެ. އެރޭގެ 9:00 ފުލުހަށް ހާޒިރުކުރުމަށް ފަހު އީޝާ ގާތް ގަނޑަކަށް ދެ ގަޑިއިރެއްހާއިރު ފުލުހުންގެ އިދާރާގައި ހޭދަކޮށްފައިވެއެވެ.
ހާޒިރުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އީޝާގެ ގާނޫނީ ވަކީލު އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އީޝާ އަކީ ވިކްޓިމެއް ކަމަށާއި ފިރިހެން މީހާ ފޮނުވާފައިވާ މެސެޖްތަކާއި ކޮށްފައިވާ ކޯލްތަކުގެ ތަފްސީލާއެކު އީޝާ ކަން ހިނގިގޮތް ފުލުހުންނަށް ކިޔައިދޭނެ ކަމަށެވެ.
ޝަމީމް ވިދާޅުވީ މާދަމާގެ ވަގުތެއްގައި ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ، ކަން ހިނގި ގޮތުގެ ތަފްސީލް ކިޔައިދޭން އީޝާ ތައްޔާރަށް ހުރިކަން ފުލުހުންނަށް އަންގައިފައިވާނެ ކަމަށެވެ. އެހެންކަމުން މާދަމާ ހަވީރު ފުލުހުންގެ އިދާރާއަށް އަނެއްކާވެސް އީޝާ ހާޒިރުކުރަނީ ބަޔާން ނެގުމުގެ ގޮތުން ކަމަށް ބެލެވެއެވެ.
އީޝާ ހާޒިރުކުރަނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒަށް ގަޒުފުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ.
ރައީސް މުއިއްޒުގެ ނަން ވިދާޅުނުވެ ޝަމީމް ވިދާޅުވީ އެ މައްސަލާގައި ހިމެނޭ ފިރިހެން މީހާގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ކުރެވޭ ތުހުމަތުތަކަށް ފިރިހެން މީހާ އިންކާރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ފުލުހުންނަށް މައުލޫމާތު ދިނުމަށްފަހު އީޝާ ވިކްޓިމަކަށް ވީގޮތް ތަފްސީލުކޮށް ކިޔައިދޭނެ ކަމަށެވެ.










