
ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އައިޝަތު އީޝާ އަޝްރަފު ފުލުހަށް ހާޒިރުކުރުމަށް ފަހު ދިފާއުގައި ވާހަކަ ދައްކަން ފުރުސަތު ނުދިން ކަމަށް އޭނާގެ ވަކީލުން ހާމަކަޮށްފިއެވެ.
އޮންލައިން ނޫސް "އަދަދު"ން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި އީޝާ ވަނީ، ބުދަ ދުވަހު ހެންވޭރު ދަނޑު ކައިރީގައި ހުންނަ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވެފައެވެ.
ތަހުގީގުގެ ސުވާލުތަކަށްފަހު، މީޑިއާތަކަށް މައުލޫމާތުދެއްވައި އީޝާގެ ގާނޫނީ ވަކީލު، ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ތަހުގީގަށް އީޝާގެ ބަޔާން ނެގިއިރު ފުލުހުން މައިގަނޑު ގޮތެއްގައި ކުރީ އެންމެ ތިން ސުވާލު ކަމަށެވެ. ނަމަވެސް އެއީ ސީދާ ކޮން ތިން ސުވާލެއްކަން ވިދާޅުވި ނުވި ނަމަވެސް ޝަމީމް ވިދާޅުވީ އެ ތިން ސުވާލަށް ވެސް އީޝާ އިންކާރުކޮށްފައިވާ ކަމަށެވެ. އެގޮތުން އީޝާ ވަނީ، ރައީސް މުޙައްމަދު މުޢިއްޒަށް ގަޒުފް ކުރިކަމަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފައިކަމަށް ވެއެވެ.
ގަޛުފުކުރީ ކާކުތޯ ސުވާލުކުރުމުން އެ ސުވާލަށް ޖަވާބު ފުލުހުންނަށް ނުދެވުނުކަމަށްވެސް އީޝާގެ ވަކީލުން ހާމަކޮށްފައިވެއެވެ. އޭގެ ފަހުން ދިފާއުގަ ވާހަކަދައްކަން ފުރުސަތަކަށް އެދުނީމާ، ދިފާއުގައި ވާހަކަދައްކަން ފުރުސަތު ނުދިން ކަމަށް ވެސް ވަކީލު ވަނީ ހާމަކޮށްފައެވެ. އަދި މިހާރު އީޝާގެ ބަޔާން ނަގާފައި ނިމިފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވާ ކަމަށްވެސް ޝަމީމު ވަނީ ވިދާޅުވެފައެވެ.
ޝަމީމު ވިދާޅުވީ އީޝާގެ މައްސަލައިގައި ދަައުވާ ކުރަން ފޮނުވާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށާ އެއީ އެ މިންވަރަށް ހެކިވެސް ފުލުހުންނަށް ދެއްކިފައި ނުވާތީ ކަމަށެވެ. އަދި ދައުވާ ކުރަން ފޮނުވައިފި ނަމަ ހެއްކާ އެއްކޮށް، އީޝާއަކީ ވިކްޓިމްކަން ދިފާއިން ސާބިތުކޮށްދޭނެ ކަމަށް ވެް ޝަމީމު ވަނީ ވިދާޅުވެފައެވެ.
ޝަމީމު ވިދާޅުވީ ފުލުހުން ތުހުމަތު ކުރަނީ އީޝާއަކީ ޕާޕެރޭޓަރ ގޮތުގައި ކަމަށާ ހެން މީހުންނަކީ ވިކްޓިމުންގެ ގޮތުގައި ކަމަށެވެ.




