
ރައީސް ޑރ މުހައްމަދު މުއިއްޒު ގައުމަށާ މުޅި ދުނިޔެއަށް ވެސް ބޭޒާރުވާ ދުވަސް ވަރަށް ކައިރި ވެއްޖެ ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެނެޓަރ ކާނަލް ރިޓަޔާޑް އަހުމަދު ފަޔާޒު (ޕާޕާ) ވިދާޅުވެއްޖެއެވެ.
ފަޔާޒު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުް "އަދަދު" ނޫހުން ގެނެސްދިން، "އައިޝާ" ޑޮކިއުމަންޓްރީގެ ތަހުގީގަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އައިޝަތު އީޝާ އަޝްރަފު ހާޒިރުކޮށް ބަޔާން ނެގިއިރު ދިފާއުގައި ވާހަކަ ދައްކަން ފުރުސަތު ނުދިންކަން އީޝާގެ ވަކީލު ފާހަގަކުރި ކުރުމަށް އިޝާރާތްކުރައްވާ ފަޔާޒު ވިދާޅުވެފައިވަނީ، ހުރިހާ ހެއްކަކާ ގަރީނާއާ އެކު ތަހުގީގަށް އެއްބާރުލުން ދޭން އީޝާ ނިންމުމުން ދިފާއުގައި ވާހަކަ ދައްކަން ފުރުސަތު ނުދިނުމަކީ، ފުލުހުންގެ ފަރާތުން ފެނުނު ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ޒިޔާދު ވެސް ފާހަގަކުރެއްވި ފަދައިން ކަމެއް ނެތް ނަމަ އެވަރަށް އެކަމަކާ ގުޅިގެން ބަޔަކު ނޭވާ ހޮޅިއަށް ނޭޅޭނެކަމަށް ވިދާޅުވެ ފަޔާޒު ވިދާޅުވެފައިވަނީ ރައީސް މުއިއްޒު ބޭޒާރުވާނެ ދުވަސް ވަރަށް ގާތް ވެއްޖެ ކަމަށެވެ.
ފަޔާޒު މިފަދައިން ވިދާޅުވިއިރު ތަހުގީގީ ބަޔާން ނެގުމަށް ކަމަށް ބުނެ އަންގާރަ ދުވަހުގެ ރެއާ އަދި ބުދަ ދުވަހުވެސް އީޝާ ފުލުހަށް ހާޒިރުކުރުމަށް ފަހު ތަހުގީގީ ބަޔާން ކަމަށް ބުނެ ސޮއިކުރުވީ އެންމެ 4 ފޮޅުވަތުގެ ބަޔާނެއްގައި ކަމަށް ވަކީލުން ފާހަގަކުރައްވާފައިވެއެވެ.










