
އދ. ހަންޏާމީދޫ ބަނދަރު ސަރަހައްދުގައި ދުއްވި ބަގީއެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓުމުގެ ސަބަބުން، އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކު ނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ، ބަނދަރު ސަރަހައްދުގައި ބަޔަކު ރުކަށް އަރަންވެގެން ތަޅުދަނޑި ޖަހާފައި ބާއްވާފައި އޮތް ބަގީއަކަށް އެ ކުއްޖާ އަމިއްލައަށް އަރައި ދުއްވަން އުޅުމުގެ ތެރޭގައެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި، އެ ކުއްޖާ ބަގީ ދުއްވާފައި ދާތީ ފެނިގެން އެ ސަރަހައްދުގައި ތިބި މީހުން ބަގީ ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް، ބަގީ މޫދަށް ވެއްޓުމުގެ ކުރިން އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ބަގީ މޫދަށް ވެއްޓުނު ވަގުތު އެ ކުއްޖާ ބުރައިގެން ގޮސް ޖެހުނީ ބަނދަރުގައި އަޅާފައި އޮތް ދޯންޏެއްގައެވެ. އޭގެ ފަހުން އެ ކުއްޖާ މޫދަށް ވެއްޓުމާއެކު، އާންމުން ވަނީ ވަގުތުން އެ ކުއްޖާ މޫދުން ނަގައިގެން އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. ނަމަވެސް، ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނީ، އެ ކުއްޖާ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށެވެ.
ފުލުހުންގެ އިދާރާއަށް މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ އިއްޔެ ހަވީރު 5:10 ހާއިރުއެވެ. މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.










