
މިއަދުގެ ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ އިސްލާމްދީނުގައި ޙުރުމަތްތެރި ކުރައްވާފައިވާ މައްސަރުތަކުގެ މަތިވެރިކަމާއި، އެ މަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ މައްޗަށެވެ.
ޚުތުބާގައި ބަޔާންކުރި ގޮތުގައި، ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އަހަރުގެ ބާރަ މަހުގެ ތެރެއިން ހަތަރު މަހެއް ޙުރުމަތްތެރި ކުރައްވާފައެވެ. އެއީ ޛުލްޤަޢިދާ، ޛުލްޙިއްޖާ، މުޙައްރަމް އަދި ރަޖަބު މަހެވެ. މި މައްސަރުތަކަކީ އަޅުތަކުން ﷲ އަށް ކުއްތަންވުމަށާއި، އެކަލާނގެ ޝިޢާރުތައް މަތިވެރިކުރުމަށް ލިބޭ ރަން ފުރުޞަތުތަކެއްކަން ޚުތުބާގައި ފާހަގަކުރިއެވެ.
މި މައްސަރުތަކުގެ މުހިންމުކަން ބަޔާންކުރައްވަމުން، އެ މަސްތަކުގައި ފާފަކުރުމުގެ ނުބައިކަން ބޮޑުވެގެންވާ ކަމަށާއި، ހަމައެފަދައިން ހެޔޮ ޢަމަލުތަކުގެ ދަރުމައާއި ޘަވާބު އިތުރުވެގެންވާ ކަމަށް ޢިލްމުވެރިންގެ ބަސްފުޅުތަކުން ދަލީލު ދެއްވިއެވެ. ވަކީން ޚާއްޞަކޮށް، އަމިއްލަ ނަފުސަށް އަނިޔާވެރިވުމާއި، ﷲ ޙަރާމްކުރައްވާފައިވާ ކަންކަމަށް އަރައިގަތުމުން ދުރުހެލިވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
މީގެ އިތުރުން، މި މަތިވެރި މައްސަރުތަކާ ބައްދަލުވުމުން މުއުމިނު އަޅާގެ މައްޗަށްވަނީ އަޅުކަމުގައި ހީވާގިވުން ކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން:
ގިނަގިނައިން ޛިކުރުކުރުމާއި، ދުޢާކުރުމާއި، ކީރިތި ޤުރްއާން ކިޔެވުމާއި، ރޯދަހިފުމާއި، ޞަދަޤާތްކުރުމާއި، ނިކަމެތިންނަށް އެހީތެރިވުމާއި، ޣީބަބުނުމާއި، ދޮގުހެދުމާއި، މީހުންނަށް އިހާނެތިކޮށް ހިތުން ފަދަ ނުބައި އާދަތަކުން ދުރުހެލިވުން ފަދަ ކަންކަން ހިމެނެއެވެ.
ޚުތުބާ ނިންމާލަމުން ވަނީ، ފާއިތުވެދިޔަ ތަނުގައި އުނިވެފައިވާ ކަންކަން ރަނގަޅުކޮށް، ކުރިއަށް އޮތް ބަރަކާތްތެރި ވަގުތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ކީރިތި ރަސޫލާ ﷺ ގެ ސުންނަތުގައި ހިފެހެއްޓުމަށް ހުރިހާ މުސްލިމުންނަށް އިލްތިމާސްކޮށްފައެވެ.



