
ސަރުކާރު ގެނަން އެންމެ ކައިރީ އިސް މީހަކަށް ރައީސް މުހައްމަދު މުއިއްޒު ބެހެއްޓެވި އަބްދުއްރަހީމު އަބްދުﷲ ފެއަށް ޖައްސާފައި ބެހެއްޓުމަށް ފަހުން އަލުން އަނެއްކާވެސް ފްރޭމަށް ވެއްދުމުން، ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލުގެ ފާޑުކިޔުން އަމާޒުކުރައްވައިފިއެވެ.
ބުރާސްފަތި ދުވަހުގެރޭ ޕީއެންސީއިން ބޭއްވި ޖަގަހަ ޖަލްސާގެ ޝަރަފުވެރި މެހެމާނަކަށް ޕީއެންސީގެ ޗެއަރޕާސަންކަމުގެ މަގާމުންވެސް އެކަހެރިކޮށް ހުރި އަބްދުއްރަހީމަށް ފުރުސަތު ދިނުމުން ޕޯޑިއަމްއަށް އަރާ އޭނާ ހުރީ ރައީސް މުއިއްަޒާ އެކު، ރައްޔިތުން ފަޅީގައި ގަދަކޮށް ކަމަށް ބުނެފައިވެއެވެ.
އެ ވާހަކައަށް އިޝާރާތްކުރައްވާ މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަޖާޒީ ގޮތަކަށް ވިދާޅުވެފައިވަނީ، ކާށި ކައިފައި އެއްލާލާ ނާށީގެ ބޭނުންވެސް ހިފަން ޖެހޭ ދުވަސް ރައީސް މުއިއްޒަށް އައިސްފި ކަމަށެވެ.
މީގެ އިތުރުން ނަމަވެސް ވެރިކަމަށް އައުމަށް އެންމެ ގާތްކޮށްގެން ގެންގުޅުނު އަބްދުއްރަހީމ، ވެރިކަމަށް އައުމަށް ފަހު ފެއަށް ޖައްސާފައި ބެހެއްޓުމަށް ފަހު އަނެއްކާވެސް ރިޔާސީ އިންތިހާބު ގާތްވާން ފެށުމުން ކައިރި ކުރި ނަމަވެސް އަބްދުއްރަހީމުމެންގެ އިޚުލާސްތެރިކަން ދެން ރައީސް މުއިއްޒަށް ނޯންނާނެ ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.
އަބްދުއްރަހީމުމެންގެ ޕްލޭނަކަށްވާނީ ވަޒީފާތަކުގައި ދެމި ތިބެވުނުހާ ދިގު މުއްދަތަކަށް ތިބުމަށް ފަހު ރައީސް މުއިއްޒަށް ލަނޑު ދިނުން ކަމަށް ވެސް މަލީހުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒު ވަނީ އަބްދުއްރަހީމުގެ ބރުތައް ވެސް ޕާޓީ ތެރެއިން ކަނޑުވާލާ އަދި ދަރިފުޅު ފައިސަލްވެސް ވަޒީރުންގެ މަޖިލީހުން ވަކިކޮށް އަދިވެސް އާއިލީ ގޮތުން އަބްދުއްރަހީމާ ގުޅުން އޮތް ގިނަ ބަޔަކު ވަޒީފާތަކުން ވަކިކޮށްފައިކަން ފާހަގަކޮށްލެވެއެވެ.










