May 11, 2026
Advertisement
-
- / ރައީސް އޮފިސް

ތާރީޚަކަށް ފަހު ތާރީޚެއް ފަހަނައަޅަނީ: ގިރާވަރުފަޅު ހިކޭނެ ދުވަހެއް ނައި

Aiminath Sarah
އައިމިނަތް ސާރާ
May 10, 2026, 06:36 PM
މާލެ ސިޓީ

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ހިންގާ ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއު، ސަރުކާރުން ތަކުރާރުކޮށް ދެމުންދިޔަ ތާރީޚުތަކަށް ނުނިމި، މަސައްކަތް މުޅިން ހުއްޓުމަކަށް އަތުވެއްޖެއެވެ. މި މަހުގެ ނިޔަލަށް ބިން ހިއްކާ ނިންމާނެ ކަމަށް ސަރުކާރުން އެންމެ ފަހުން ވީ ވައުދުވެސް ފުއްދޭނެ ކަމުގެ އެއްވެސް އުންމީދެއް މިހާރު ނެތްކަން ވަނީ ހާމަވެފައެވެ.

Advertisement

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރަމުންދިޔަ ބޮސްކާލިސް ކުންފުނީގެ ތިން ޑްރެޖަރު ކަމަށްވާ 'އޮރާންޖޭ'، 'ކުވީން އޮފް ނެދަލެންޑްސް' އަދި 'ޕްރިންސް ޑަ ނެދަލެންޑަން' މިހާރު ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މަޝްރޫއު މިހާލަތުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ދެ ފަރާތުން އެއްބަސްވެ، އެންމެ ފަހު ޑްރެޖަރު ރާއްޖެއިން ފުރާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

މި މަޝްރޫއު ނިންމުމަށް ސަރުކާރުން އެކި ފަހަރު މަތިން ވަނީ ތާރީޚުތައް ދީފައެވެ. އެންމެ ފުރަތަމަ ފެބްރުއަރީ މަހުގެ ނިޔަލަށް ނިންމާނެ ކަމަށް ބުނުމަށްފަހު، އެ ތާރީޚަށް މަސައްކަތް ނުނިމުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އޭޕްރިލް މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. ނަމަވެސް އެ ތާރީޚުވެސް ފަހަނައަޅައި ދިޔައީ މަސައްކަތް ނުނިމިއެވެ.

މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު މަޖިލީހުގައި ސުވާލު ކުރުމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ހިއްކާ ބާކީ ހުރި ބައި ހިއްކާ ނިމޭނެ ކަމަށް ލަފާ ކުރެވެނީ 31 މެއި 2026 ގައި ކަމަށެވެ. އެހެންނަމަވެސް، މަސައްކަތް ކުރާނެ ޑްރެޖަރުތައް ރާއްޖެއިން ފުރައިގެން ދިއުމާ ގުޅިގެން، މިނިސްޓަރު ދެއްވި މި ތާރީޚަށްވެސް މަސައްކަތް ނިމޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް މިހާރު ނެތެވެ.

ގިރާވަރުފަޅުގެ ޖުމްލަ 169 ހެކްޓަރުގެ ތެރެއިން މިހާތަނަށް ހިއްކިފައިވަނީ 98 ހެކްޓަރެވެ. މީގެ ތެރޭގައި ކުރީގެ ސަރުކާރުން ހިއްކި 54 ހެކްޓަރުވެސް ހިމެނެއެވެ. މި ސަރުކާރުން އެމްއޭސީއެލްއާ ހަވާލުކޮށްގެން ޖެނުއަރީ 31 ގައި މަސައްކަތް އަލުން ފެށި ނަމަވެސް، ބާކީ އޮތް ބޮޑު ބައި ނުހިއްކި ވަނިކޮށް މަޝްރޫއު މިވަނީ ހުއްޓިފައެވެ.

ސަރުކާރުން ތަކުރާރުކޮށް ދެމުންދާ ތާރީޚުތަކަށް މަސައްކަތް ނުނިމި، އެންމެ ފަހުން މަސައްކަތް ކުރާ އުޅަނދުފަހަރުވެސް ފުރައިގެން ދިއުމަކީ ގޯތި ލިބޭނެ ކަމަށް އުންމީދުކޮށްގެން ތިބި މާލޭގެ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އިތުރުވެފައިވާ ކަމެކެވެ. މިކަމާ ގުޅޭގޮތުން ސަރުކާރުން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved