
އަޟްހާ އީދުގެ ބަންދަށް އިތުރު ދުވަސްތަކެއް ދިނުމުގެ ގޮތުން ކަމަށް ބުނެ، މި މެއި މަހުގެ 24 ވާ އާދިއްތަ ދުވަހާއި 25 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅައި މުޅި ހަފްތާ ބަންދުކޮށްފިއެވެ.
ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މިގޮތަށް ހަމަޖެއްސެވީ އީދު ބަންދުގައި މުވައްޒަފުންނަށް އާއިލާއާއެކު ގިނަ ދުވަސް ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ. އަދި މެދުނުކެނޑި ގިނަ ދުވަސްތަކަކަށް ބަންދު ލިބޭނެ ގޮތް ހެއްދެވުމަކީ ވެސް ރައީސުލްޖުމްހޫރިއްޔާގެ މަގުސަދެއް ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
މި ނިންމުމާއެކު، ހައްޖު ދުވަހާއި އީދު ދުވަހުގެ ބަންދާއެކު ދެ ހަފްތާގެ ދެ ބަންދާ އެކު މިފަހަރުގެ ބޮޑު ޢީދު ބަންދަށް ޖުމްލަ ނުވަ ދުވަސް ލިބޭނެއެވެ.
ކަލަންޑަރުގައިވާ ގޮތުން މި މަހުގެ 26 ވަނަ ދުވަހަކީ ހައްޖު ދުވަސް ކަމަށްވާއިރު، 27 ވަނަ ދުވަހަކީ އަޟްހާ ޢީދު ދުވަހެވެ.










