
ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އެ އެންމެން ނިޔާވެފައިވާ ކަމަށް ކުރިން މައުލޫމާތު ދެވުނީ އެ ވަގުތު ލިބުނު މައުލޫމާތުގެ ކުށަކުން ކަމަށް ފުލުހުން ބުނެފިއެވެ.
ޕޮލިސް މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގައި މިހާތަނަށް ފެނިފައިވަނީ ނިޔާވެފައިވާ އެންމެ މީހެއްގެ ހަށިގަނޑެވެ. ބާކީ ތިބި ހަތަރު މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ހުއްޓުމެއްނެތި މިހާރުވެސް ދަނީ ކުރަމުންނެވެ.
ކުރިން މައުލޫމާތު ދެވުނު ގޮތުން ފަސް މީހުންވެސް ނިޔާވެފައިވާ ކަމަށް ބުނެވުމާ ގުޅިގެން، ފުލުހުން ވަނީ އެ ކުށަށްޓަކައި އާންމުންނާއި މީޑިއާތަކުގެ ކިބައިން މައާފަށް އެދިފައެވެ. ފުލުހުން ބުނީ މައުލޫމާތު ލިބުމުގައި އައި އޮޅުމެއްގެ ސަބަބުން ކުށް މައުލޫމާތެއް ހިއްސާ ކުރެވުނީ ކަމަށެވެ.
މިފަދަ ހައްސާސްކަމެއްްގައި ފުލުހުން ފަރުވާ ކުޑަކޮށް ކަންތައް ކުރުމުން އާންމުންގެ ގިނަ ބަޔަކު އަންނަނީ ފުލުހުންނަށް ފާޑުކިޔަމުންނެވެ.










