
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު މިއަދު މިވަނީ ނުރައްކާތެރި މިސްރާބަކަށް އެނބުރިފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ އަޑު ކަނޑުވާލައި، ގޮށްމުށުގެ ބާރުން ވެރިކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަކީ ޑިމޮކްރެޓިކް ހަމަތަކާ މުޅިން ޚިލާފު، ހުދުމުޚުތާރު ޑިކްޓޭޓާޝިޕެއްގެ ސިފަތައް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސަރުކާރުގެ ނުފޫޒާއި ބާރު ބޭނުންކޮށްގެން ރައްޔިތުންގެ މިނިވަންކަމަށް އަރައިގަންނަމުންދާ މަންޒަރު މިއަދު މިވަނީ އާންމުވެފައެވެ.
ސަރުކާރުގެ ނުރަނގަޅު ވާހަކަތަކާއި، ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތައް ފަޅާއަރަމުންދާތީ، އެކަންކަން ހުއްޓުވުމަށް ސަރުކާރުން އެންމެ ފުރަތަމަ އަމާޒު ހިފީ ނޫސްވެރިންނަށެވެ. "ނޫސްވެރިންގެ އަނގައިގައި ޓޭޕް އަޅައި، ގަލަމުގެ ބާރު ކަނޑުވާލުމަކީ މުއިއްޒުގެ ސަރުކާރުގެ މައިގަނޑު އެއް ސިޔާސަތު" ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. ސަރުކާރަށް ފާޑުކިޔާ ނޫސްވެރިންނަށް ބިރުދެއްކުމާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް ހުރަސްއެޅުމަކީ މިއަދު ރާއްޖޭގައި އޮތް ބިރުވެރި ހަގީގަތެކެވެ.
މަގުތަކަށް ރައްޔިތުން ނުކުމެ ކުރަމުންދާ މުޒާހަރާތަކަކީ ސަރުކާރުގެ ބޭއިންސާފާއި، އިގްތިސާދީ ނާގާބިލުކަމާ ދެކޮޅަށް ކުރެވޭ އިހުތިޖާޖުތަކެކެވެ. އެހެންނަމަވެސް، މި މުޒާހަރާތައް ރޫޅާލުމަށް ސަރުކާރުން ބޭނުންކުރަނީ ހަމައެކަނި ބާރެވެ. ރައްޔިތުންގެ ޝަކުވާތަކަށް ކަންފަތް ދިނުމުގެ ބަދަލުގައި، ފުލުހުން މެދުވެރިކޮށް އަނިޔާވެރިކަން އިސްކުރުމަކީ ރައީސް މުއިއްޒު ބޭނުންވަނީ ގަދަބާރުން ވެރިކަން ކުރަންކަން ހާމަވާ ކަމެކެވެ. ގަދަކަމުން ރައްޔިތުންގެ އަނގަ ބަންދުކުރަނީ ސަރުކާރުގެ ފެއިލްވެފައިވާ ސިޔާސަތުތަކުގެ ވާހަކަ ދައްކާތީއެވެ.
ކޮންމެ ވެރިއަކުވެސް ހަނދާން ބަހައްޓަންޖެހޭނެ ހަގީގަތަކީ، ގޮށްމުށުގެ ބާރުން ވެރިކަމެއް ދާއިމަށް ނުދެމެހެއްޓޭނެ ކަމެވެ. ރައްޔިތުންގެ ރުހުމާ ނުލައި، ހަމައެކަނި ބާރުގެ ބޭނުންކޮށްގެން ކުރާ ވެރިކަމެއްގެ ނިމުން އަންނާނީ ހިތްދަތި ގޮތަކަށެވެ. މިއަދު ރާއްޖެއިން ފެންނަމުންދާ ހުދުމުޚުތާރު ސިފަތަކަކީ ގައުމުގެ ޑިމޮކްރެސީ ފުނޑުފުނޑުކޮށްލާނެ ކަންކަމެވެ. ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ، މިނިވަން މުއައްސަސާތައް މުށުތެރެއަށްލައިގެން ކުރާ ވެރިކަމަކީ ޑިކްޓޭޓާޝިޕެއްގެ ފެށުމެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން މިހާރުން މިހާރަށް މި އަނިޔާވެރި ސިޔާސަތުތައް ބަދަލުކުރަން ޖެހެއެވެ. ރައްޔިތުންގެ އަޑު އަހައި، ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަކީ ވެރިކަމެއް ދެމެހެއްޓުމުގެ އަސާސެވެ. އެހެންނޫންނަމަ، ތާރީޚު ހެކިދޭ ފަދައިން، ބާރުގެ ބޭނުންކޮށްގެން ރައްޔިތުން ކޮންޓްރޯލް ކުރަން އުޅޭ ކޮންމެ ވެރިއަކަށްވެސް ޖެހޭނީ ރައްޔިތުންގެ ކުރިމަތީގައި ކަކޫ ޖަހާށެވެ.










