
ގައުމުގައި ކަންކަމުގައި މިހާރު އަމަލުކުރަމުންދާ ދޯދިޔާ ދޮތްތަކަށް ދޫދީ، ޑިމޮކްރެސީގެ މަގަށް އިޔާދަވުން ނޫން ގޮތެއް ރައީސް ޑރ މުހައްމަދު މުއިއްޒަށް ނެތް ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ، ރައީސް މުއިއްޒު ގައުމުގެ ތިން ބާރުވެސް މުށުތެރެއަށް ލާ ޚުދުމުހުތާރު ވެރިކަމެއް ކުރަމުންދާއިރު އެކަންކަން ނިމުމަކަށް ގެނައިމަށް ގޮވާލައްވާފައެވެ.
އެގޮތުން މުށުތެރެއަށް ލައިގެން ހުންނެވި ބާރުތައް ދޫކޮށްލާ މީޑިޔާތަކަށް ބިރު ދައްކާ މީޑިޔާތަކުެގ އަޑު ކަނޑުވާލާ ރައްޔިތުންނަށް ހަގީގަތް ހާމަކުރުން ހުއްޓުވުމަށް އެކުލަވާލި ގާނޫނު ވެސް އުވާލުމަށް މަލީހު ވަނީ ރައީސް މުއިއްޒަށް ގޮވާލައްވާފައެވެ.
ހަމައެެހެންމެ، މިނިވަން މުއައްސަސާތަަކަށް ވެރިން އައްޔަންކުރަން، ޕީއެންސީގެ މެޖޯރިޓީގެ ބޭނުން ނަހަމ ގޮތުގައި ހިފާ، ރައީސުލްޖުމްހޫރިއްޔާ ނެންގެވި ބާރުވެސް ދޫކުރެއްވުމަށާ، ޖުޑިޝިއަރީއަށް ފޯރުވަމުންދާ ނުފޫޒު ހުއްޓާލާ، މިނިވަން ފަނޑިޔާރުގެތަކެއް ފަންކްޝަން ކުރުމަށް ފުރސަތު ދިނުމަށް ވެސް މަލިހު ވަނީ ރައީސް މުއިއްޒަށް ގޮވާލައްވާފައެވެ.
މީގެ އިތުރުން، ރައްޔިތުންގެ އަޑު އިއްވަން އެ ރައްޔިތުން އިންތިހާބު ކުރި މެމްބަރުން ކަސްތޮޅު އަޅުވާފައި ތިބި ތިބުންވެސް ނިމުމަކަށް ގެނައުމަށް މަލިހުގެ ޕޯސްޓުގައި ވަނީ ގޮވާލާފައެވެ.
މަލީހު މިފަދައިން ގޮވާލައްވާފައިވާއިރު، ކުރީގެ ތިން ރައީސުން ކަމަށްވާ، ރައީސް އަބްދުﷲ ޔާމީނާ، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި ގައުމުގެ ކަންކަން ހަމަމަގަށް އަޅުވަން، ސިޔާސީ ފިކުރު އެއް ފަރާތްކޮށް މަސައްކަތް ކުރުމަށް އެއްބަސްވެވަޑައިގެންފައެވެ.
ތިން ރައީސުން ވެސް ވިދާޅުވެފައިވަނީ، ރައީސް މުއިއްޒު ޖެހޭނީ އަޑު އަހަން ކަމަށާ އެ ބޭފުޅުން އެހެން ނޫނީ ދޫދިނުމެއް ނެތް ކަމަށެވެ.










