
ވ. އަތޮޅު އަލިމަތިމާ ކައިރީގައި އޮންނަ ކަނޑުއަޑީގެ ނުރައްކާތެރި ކޭވްއަކަށް ފީނަން ގޮސް އުޅެނިކޮށް މީގެ ފަސް ދުވަސް ކުރިން މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި މޫދު އަޑިން ފެންމައްޗަށް ނަގައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޑައިވިންނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީ ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ފިންލޭންޑުގެ ޓީމަށް އެމީހުން ފެނުނީ އިއްޔެއެވެ. އަދި އެމީހުން ފެނިފައިވަނީ ހޮހަޅައިގެ އެންމެ ފުނުން ކަމަށް ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން) އިން ހޯމަ ދުވަހު ވަނީ ބުނެފައެވެ.
ޑޭން އިން ބުނީ ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑުއަޑީގެ ހޮހަޅައަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު 4 މީހުން ލޮކޭޓްކުރެވުނީ ތިންް ގަޑިއިރަށް ދެމިގެންދިޔަ ނުރައްކާތެރި އުނދަގޫ މަސައްކަތުންނެވެ. އިއްޔެ މެންދުރު ފަހު ރާއްޖޭ ގަޑިން 12:30 ގައި ފެށި މި ޑައިވްގައި މީހުން ލޮކޭޓް ކުރެވިފައިވަނީ ހަވީރު ވަނިކޮށެވެ.
އެއަށް ފަހު މިއަދު ވަނީ އޭގެ ތެރެއިން ދެމީހެއްގެ ހަށިގަޑު ނަގާފައެވެ. އަނެއް ދެމީހުން ނެގުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްކަމަށް މައުލުމާތު ލިބިފައިވެއެވެ. އެހެންނަމަވެސް، މިކަމާ ގުޅޭ ގޮތުން ރަސްމީ އިދާރާއަކުން އެއްވެސް އެއްޗެއް އަދި ހާމަކޮށްފައިނުވެއެވެ.
މި ފަތުރުވެރިންގެ ހަށިތައް ހޯދުމަށް ދިވެހި ސިފައިންނާ މެރިން ޕޮލިސްގެ ޑައިވަރުންވެސް މީގެ ކުރިން ފީނާފައިވާއިރު، އެ މަސައްކަތް ހުއްޓާލީ އެމްއެންޑީއެފްގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު، ސާޖަންޓު ފަސްޓު ކްލާސް މުހައްމަދު މަހުދީ އެމަސައްކަތުގައި އުޅުއްވަނިކޮށް ޑީކޯވެ ނިޔާވުމާ ގުޅިގެންނެވެ.










